ދުނިޔެ ނާމާންވެ ނޭޓޯއާއި އެމެރިކާއިން ހަނގުރާމައަށް ތައްޔާރުވަމުންދާތީ ރަޝިޔާއިން އެޤައުމުގެ ސިފައިންގެ ޢަދަދު އިތުރު ކުރުމަށް ނިންމައިފިއެވެ. ރަޝިޔާއަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ލަޝްކަރު އޮންނާނެ ޤައުމެވެ.
ރަޝިޔާއިން ވަނީ އެއްލައްކަ 80 ހާސް މީހުން ސިފައިންގެ ތެރެއަށް ވައްދަން ނިންމާފައެވެ. އަދި އެއާއެކު ޖުމުލަ ސިފައިންގެ ޢަދަދު ދޮޅު މިލިއަނަށް އިތުރު ކުރުމަށް އަމާޒު ހިފާފައެވެ.
އަސްކަރީ ދިރާސާތައް ހަދާ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީޒް އިން ބުނީ ރަޝިޔާ ސިފައިންގެ ޢަދަދު އިތުރު ކުރުމަށް ރައީސް ޕޫޓިން ނިންމެވުމާ ގުޅިގެން ރަޝިޔާގެ އަދަދު ވެގެންދާނީ އިންޑިއާ އާއި އެމެރިކާ ގެ އަދަދުތައް ފަހަނައަޅައި ގޮސް ޗައިނާއަށް ފަހު ދެވަނައަށް އެންމެ ބޮޑު ލަޝްކަރު ކަމަށެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ރަޝިޔާއިން ސިފައިންގެ ޢަދަދު އިތުރު ކުރަނީ ރަޝިޔާގެ ބޯޑަރަށް ދިމާވެފައިވާ ނުރައްކަލާ ހެދިއެވެ.
“އަޅުގަނޑުމެންގެ ހުޅަނގު ބޯޑަރު ސަރަހައްދުގައި އިންތިހާއަށް ޢަދާވާތްތެރި މާޙައުލެއް އެބައޮތް. އިރުމަތީ ބޯޑަރުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން ވެސް ނުރައްކާ ދިމާވެފައިވޭ. މިކަންކަމާ ހެދި ރަޝިޔާގެ ޙާލަތުން އެދެނީ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަން.” އޭނާ ވިދާޅުވިއެވެ.