ކުދި ޖަޒީރާ ޤައުމުތަކުގެ ޑިޖިޓަލް އިންގިލާބުގައި ދިވެހިރާއްޖެއަކީ ނަމޫނާ ޤައުމެއް: އެމްޕީ ނާޘިމް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ސަބަބުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް އަލުން ބައްޓަން ކުރަމުންދާގޮތާއި، ކުދި ޖަޒީރާ ގައުމުތަކުގެ ޖިއޮގްރަފިކް އަދި އިޤްތިޞާދީ ހުރަސްތަކުން އަރައިގަތުމަށް އާ ގޮތްތަކެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން، ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ)ގެ ކުދި ގޮފިތަކުގެ ނެޓްވޯކް ޕްރޮގްރާމްގައި މަޝްވަރާކޮށްފިއެވެ.

ސީ.ޕީ.އޭގެ ކުދި ގޮފިތަކުގެ ނެޓްވޯކް ޕްރޮގްރާމްގައި ކުދި ޤައުމުތަކުގެ މެދުގައި އާލާވަމުން އަންނަ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ޓްރެންޑަށް މަޝްވަރާކުރައްވަމުން، ރާއްޖެއިން ޑިޖިޓަލް ބަދަލަކަށް ކުރަމުންދާ ދަތުރާއި، ރާއްޖޭގެ ކާމިޔާބީގެ ވާހަކަތައް ޙިއްސާ ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމްއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގައި، ސީ.ޕީ.އޭގެ ކުދި ގޮފިތަކުގެ ނެޓްވޯކް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ކޮމަންވެލްތުގެ ކުދި ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން އަލިއަޅުއްވާލެއްވީ، އެ ޤައުމުތަކުން ޑިޖިޓަލް އިނޮވޭޝަންގައި ކުރިއަށްދާ ގޮތާ ބެހޭ ގޮތުންނެވެ.

“އަބަދުވެސް އާ ޓެކްނޮލޮޖީއަށް ފިރާލާ ޤައުމެއްގެ ގޮތުގައި ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރޭ. ރާއްޖެއިންވަނީ، ރައްކާތެރި އަދި އިންޓައޮޕަރެބަލް ޑިޖިޓަލް ޚިދުމަތްތަކާއި ޕާސަނަލް ޑޭޓާގެ މުހިންމުކަން އިޙުސާސްކޮށް އެކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި،” މޯލްޓާގެ ޑެޕިއުޓީ ސްޕީކަރ ޑޭވިޑް އަގިއުސްގެ ރިޔާސަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޮނަރަބަލް ނާޡިމް ވިދާޅުވިއެވެ.

އޮނަރަބަލް ނާޡިމް ވިދާޅުވީ ރާއްޖެއިން ގެންގުޅޭ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސްޓްރެޓެޖީގެ އަސާސަކީ، ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތް ކަމަށްވާ އީފާސްއެވެ. އޮނަރަބަލް ނާޡިމް ސިފަކުރެއްވި ގޮތުގައި، މި ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުގެ ޚިދުމަތްތައް އިތުބާރުހުރި ގޮތެއްގައި ލިބޭނެ ގޮތް ހަދައިދެވި ފަސޭހަކޮށްދެވިފައިވެއެވެ. އޭގެ އިތުރުން، ސަރުކާރުން މުއާސަލާތުކުރުމަށް ބޭނުންކުރާ ޖެމްސްއަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި، އަލަށް ތަރައްޤީ ކުރަމުންދާ ޖެމްސް ވޯކްސްޕޭސް ކޮމްޕޮނެންޓް ތަޢާރަފްވުމުން 24 ގަޑިއިރު ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ ސަރުކާރުން ދެމުންދާ ޚިދުމަތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަންވެސް ފާހަގަކުރެއްވިއެވެ.

“ރާއްޖޭގެ މި އިސްނެގުމަކީ މޮޑެލް، ސްމާޓް ނޭޝަނެއްގެ ގޮތުގައި ސާބިތުވުމަށް ރާއްޖެއިން އެޅި މުހިންމު ފިޔަވަޅުތަކެއް،” އޮނަރަބަލް ނާޡިމް ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ޑޮކިއުމަންޓޭޝަން ޕްރޮސެސްތައް ސްޓްރީމްލައިންކޮށް، ޓެކްނޮލޮޖީ ބޭނުންކޮށްގެން އުދަނގޫ އިދާރީ މަސައްކަތްތައް ހަރުދަނާކޮށް މެނޭޖްކުރެވޭނެ ގޮތް ދައްކުވައިދޭ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ އެކްސްޕެޓް ސިސްޓަމްގެ ތަފުސީލުވެސް މި ބައްދަލުވުމުގައި އެމަނިކުފާނު ދެއްވިއެވެ.

މި ވޯކްޝޮޕްގައި ކޮމަންވެލްތުގެ ކުދި ޤައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ ތެރޭގައި ވަސީލަތްތައް މަދުވުމާއި، މާކެޓަށް ވަދެވޭނެ ގޮތް ހަނިވުމާއި، އިޤްތިޞާދީ ލޮޅުންތަކުގެ ނާޒުކުކަމަށްވެސް ވާހަކަ ދައްކައި ޚިޔާލު ބަދަލު ކުރެވިފައި ވެއެވެ. އަދި ޑިޖިޓަލް ލިޓެރެސީ ޕްރޮގްރާމްތަކަށް އިންވެސްޓްކުރުމާއި ޑިޖިޓަލް ބަދަލުތައް ތައާރަފުކޮށް ޚިދުމަތްތައް އަވަސްކުރުމަށް އަމަލީ ސްޓްރެޓެޖީތައް ހޯދުމާ މެދުވެސް މަޝްވަރާ ކުރެވުނެވެ.

“އާބާދީގެ ސައިޒުގެ ކުޑަކަމާއި، އިމްޕޯޓަށް ބަރޯސާވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކުން އިޤްތިޞާދީ ލޮޅުންތަކުގެ ނޭދެވޭ އަސަރުތައް ބޮޑުވަމުން ދިއުމާ ގުޅިގެން، ކުދި ޤައުމުތައް އިތުރަށް ސާބިތުވެ ތިބުން މުހިންމު،” އޮނަރަބަލް ނާޡިމް ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ވާހަކަފުޅުގައި، ކުދި ޤައުމުތަކަށް ޑިޖިޓަލް އިނޮވޭޝަން މުހިންމު ވެގެން ގޮސްފައިވާ ސަބަބުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ސަރަހައްދީ ނުވަ ގްރޫޕަކަށް ބަހާލައިގެން ކޮމަންވެލްތުގެ 52 މެންބަރު ގައުމުތަކުގެ މަންދޫބުން ހިމެނޭ ސީ.ޕީ.އޭ ސްމޯލް ބްރާންޗްސް ނެޓްވޯކަކީ އާ އުފެއްދުންތައް ހިއްސާކުރުމަށް މުހިންމު ފޯރަމެކެވެ.

މި ގްރޫޕުގެ އެޖެންޑާ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، އެ ނެޓްވޯކްގެ އޭޝިއާ ސަރަޙައްދުގެ ރިއާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމްގެ ނަންފުޅު ވަނީ ހުށަހެޅިފައެވެ. އަދި އެމަނިކުފާނު މި އެޖެންޑާ ލީޑް ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކޮށްދެއްވުމަށް ހުށަހެޅިފައިވެއެވެ.

މި ސެޝަންގައި ކުދި ގައުމުތަކުގެ ޑިޖިޓަލް ޓްރާންސްފޯމަޝަންގެ މަސައްކަތުގައި އެހީތެރިވުމަށް ކޮމަންވެލްތުން ކުރާ މަސައްކަތަށްވެސް އޮނަރަބަލް ނާޡިމްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ހިއްސާ ކުރައްވާ!