ކުރީގެ ރައީސް ޔާމީނަކީ މިފަހުގެ ތާރީޚުގައި މިޤައުމު ދުށް އެންމެ ބޮޑު މަކަރުވެރި އަދި ޚިޔާނާތްތެރިޔާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ޖަގަހަ ބައްދަލުވުމެއްގައި ރައީސް ޔާމީން، ރައީސް ޑރ. މުޢިއްޒަކީ ސިޔާސީ ޕާޓީގެ ތެރެއިން މަނީ ލޯންޑަރ ކުރާ ހަމައެކަނި ރައީސް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
"ރައީސް މުޢިއްޒަކީ މި ޤައުމު ދުށް އެންމެ އަމާނާތްތެރި ރައީސް. ޔާމީން އަކީ މިފަހުގެ ތާރީޚުގައި މި ޤައުމު ދުށް އެއްމެ ބޮޑު މަކަރުވެރި، ޚިޔާނާތްތެރިޔާ،" ފަލާޙް ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާޙް ވަނީ ރައީސް ޔާމީންގެ ޖަރީމާތައް އޮއްބާލަން ނޫޅުއްވުމަށް ގޮވާލައްވާފައެވެ. އަދި "އިންސާފް އަރާ ހަމަ ކުރާނެ" ކަމުގެ އިންޒާރުވެސް ދެއްވާފައިވެއެވެ.
ރައީސް ޔާމީނަކީ މަނީ ލޯންޑަރިންގގެ މައްސަލައެއްގައި ޝަރީއަތް ކުރެވިފައިވާ ބޭފުޅެއް ކަމެވެ. މިވަގުތުވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ޚިޔާނާތުގެ ދައުވާގެ ޝަރީޢަތްތައް ޝަރުޢީ މަރުޙަލާގައި ދަނީ ކުރިއަށެވެ.


