ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ކުންފުނީގެ ހިންގުމުގެ ޚަރަދު 8 އިންސައްތަ ދަށްކުރި ނަމަވެސް، ކުންފުނީގެ އާމްދަނީއާއި ފައިދާ ވަނީ ދަށަށް ގޮސްފައެވެ.
އެސްޓީއޯގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރު 16 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު، 2024 ވަނަ އަހަރު ލިބިފައިވަނީ 15 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު 2.7 ބިލިއަން ރުފިޔާގެ ޖުމްލަ އާމްދަނީ ލިބުނު އިރު، 2024 ވަނަ އަހަރު ލިބިފައިވަނީ 2.36 ބިލިއަން ރުފިޔާއެވެ.
ހިންގުމުގެ ފައިދާއަށް ބަލާއިރު، 2023 ވަނަ އަހަރު 1.28 ބިލިއަން ރުފިޔާ ލިބުނު އިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 1.06 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2023 ވަނަ އަހަރު 818 މިލިއަން ރުފިޔާ ލިބުނު އިރު، 2024 ވަނަ އަހަރު ލިބިފައިވަނީ 717 މިލިއަން ރުފިޔާއެވެ. މިއީ 12 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯ އަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. މި ކުންފުނިން ތެލާއި، ކައްކާ ގޭހާއި، އިމާރާތްކުރުމުގެ ސާމާނާއި، ސިއްހީ ޚިދުމަތްތަކާއި، ކޮންސިއުމަރ އިލެކްޓްރޯނިކްސްއާއި، ސުޕަމާކެޓް ޕްރޮޑަކްޓްސްއާއި، އިންޝުއަރެންސްއާއި، ޝިޕިންގ އަދި ބަންކަރިންގ ފަދަ ގިނަ ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދެއެވެ.



