ކޯވިޑްގެ އަސްލު ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މައޯ ނިންގް ވަނީ އެމެރިކާއަށް މިދިޔަ މަހު ފަހުކޮޅު ގޮވާލައްވާފަ އެވެ. އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ބުނަނީ މި ވައިރަސް އާންމުންގެ ތެރެއަށް އައީ ލެބޯޓްރީން ލީކުވުމުންނެވެ.
ކޯވިޑް-19ގެ މައްސަލަ އުފެދުނު ފަހުން ޗައިނާގައި ކޯވިޑާ ގުޅުންހުރި ކަންކަން ވަނީ މުހިންމު ގޮތެއްގައި ސިޔާސީ ކުރެވިފައެވެ. ކޮވިޑް-19 ވައިރަސްގެ ވުޖޫދުވެފައިވާ ކަމާ ބެހޭ ގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކި މީހުންގެ ތެރޭގައި ހިމެނޭ، ލީ ވެންލިއަންއާއި އެކަމުގެ ނުރައްކާ ރައްޔިތުންނަށް ކިޔައިދިން 8 ޑޮކްޓަރަކަށް ޗައިނާއިން އަދަބު ދިނުމަކީ މިކަން ސިޔާސީ ކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.
މިވައިރަސް އާންމުންގެ ތެރެއަށް ފޭދިގެން ދިޔަ ގޮތް އަދިވެސް ވަނީ ސިއްރެއްގެ ގޮތުގައެވެ. ގިނަ ޑޮކިއުމެންޓްތައް ވަނީ ސިއްރު ކުރެވިފައެވެ. ނުވަތަ ނައްތާލެވިފައެވެ.
"ލެބޯޓްރީ ލީކުވުމުގެ ފުރުސަތު އިންތިހާއަށް ކުޑަ ކަމަށް ޗައިނާ-ޑަބްލިއުއެޗްއޯގެ ޖޮއިންޓް އެކްސްޕާޓް ޓީމުން ވަނީ ނިންމާފައި،" ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ތަރުޖަމާނު ވިދާޅުވި އެވެ.
ޗައިނާގައި މިހާރު އޮތް ސިޔާސީ ނިޒާމުގެ ދަށުން ޗައިނާގެ ސައިންސްވެރިންނަށް މިކަމާ ގުޅޭ މިނިވަން ދިރާސާތަކެއް ކުރުމުގެ ފުރުސަތު ކުޑަވެފައި ވާނެއެވެ. ބައެއް ހާލަތްތަކުގައި ސަރުކާރުން ދެކޭ ގޮތާއި ސަރުކާއުން ކަނޑައަޅާފައިވާ ގައުމީ މަސްލަހަތާ ޚިލާފަށް ވާހަކަ ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
1982 ވަނަ އަހަރު ފާސްކުރި ޕީއާރުސީގެ ގާނޫނު އަސާސީގެ ލިޔުމުގައި ސާފުކޮށް ބުނެފައި ވަނީ ޗައިނާގެ ރައްޔިތުން ކުރާ ދިރާސާތަކުގައި ވެސް ސަރުކާރުގެ ސިޔާސަތަށް ތަބާވާން ޖެހޭނެ ކަމަށެވެ.
އަދި 4 އުސޫލެއް ކަނޑައަޅާފައި ވެއެވެ. މި ހަތަރު އުސޫލުގެ ތެރެއިން ފުރަތަމަ އުސޫލަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރޝިޕަށް ތަބާވުމެވެ. މާނައަކީ ޗައިނާގެ ސައިންސްވެރިން އެމީހުންގެ ދިރާސާތަކުގައި ސަރުކާރު ހިންގާ ޕާޓީގެ ނިންމުން ތަކަށް ތަބާވާން ޖެހޭނެއެވެ. އަދި އެ ޕާޓީގެ ޝަރުއީ ހައިސިއްޔަތަށް ގެއްލުން ލިބިދާނެ ނިންމުމަކަށް ވާސިލް ނުވެވިގެން ނުވާނެއެވެ.
ކޮވިޑް-19 އަކީ ސީސީޕީގެ ގާބިލްކަމާއި އެ ޕާޓީގެ ޝަރުއީ ހައިސިއްޔަތަށް ގޮން ޖަހާލާ ސައްކު އުފައްދާ މައްސަލައެކެވެ. މި ސަބަބާހުރެ، ކޯވިޑް އާ ގުޅުން ހުރި ވާހަކަތައް ދެއްކުމުގައި ހައްސާސްވެ ސަމާލުވާން ޖެހެއެވެ.



