ތިން ހާސް ފަތުރުވެރިންނާއެކު މާދަމާ ރާއްޖެއަށް ކުރޫޒް ލައިނަރއެއް މާލެއަށް ބަނދަރުކުރާނެއެވެ. ކުރޫޒް ޝިޕް މެގްނިފިކާ ރާއްޖެއަށް އަންނަނީ ދެ ހަސް ފަތުރުވެރިންނާއި އެއްހާސް ފަޅުވެރިންނާއެކުގައެވެ. މި އުޅަނދު ރާއްޖޭގައި ބަނދަރު ކުރުމަށްފަހު މާދަމާ ހަވީރު މާލެއިން ފުރާނެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. ފަތުރުވެރިކަމުގެ ތަފާސްހިސާބު ދައްކާ ގޮތުން، ރާއްޖެއަށް ވަނީ 593،956 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 4 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއިން ޗައިނާއަށް ސީދާ ދަތުރުތައް ބޭއްވުމުގެ ނަތީޖާއެއްގެ ގޮތުން ޗައިނާ ފަތުރުވެރިންގެ އަދަދުވެސް އިތުރު ވެފައި ވެއެވެ.
މިހާތަނަށް އައިސްފައިވާ 6 ލައްކައާ ގާތްކުރާ ފަތުރުވެރިންގެ އަދަދުގެ ތެރޭގައި 70 ހާސް ފަތުރުވެރިންނަކީ، ޗައިނާ ފަތުރުވެރިންނެވެ. ސީދާ ދަތުރުތައް ބޭއްވުމުގެ ސަބަބުން މިހާތަނަށް ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު 10 އިންސައްތައަށް ވުރެން މައްޗަށް ގޮސްފައިވާ ކަމަށް ދައްކައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން ދަނީ އިތުރު ވަމުންނެވެ. މިދިޔަ އަހަރު 2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމުގެ މޭލުގާ ފަހަނައަލައި ދިއުމުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައެވެ.



