ސުޕްރީމް ކޯޓާއި ޖުޑީޝަރީއަށް ނުފޫޒު ފޯރުވީ ސުޢޫދު ކަމަށް ބަންޑާރަ ނާއިބު އުޝާމް ތުހުމަތުކުރައްވައިފި

ސުޕްރީމް ކޯޓާއި ޖުޑީޝަރީއަށް ނުފޫޒު ފޯރުވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުޢޫދު ކަމަށް ބަންޑާރަ ނާއިބު އަހްމަދު އުޝާމް ތުހުމަތުކުރައްވައިފިއެވެ. މި ތުހުމަތު ކުރެއްވީ އިއްޔެ ބޭއްވުނު ސަރުކާރުގެ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ، ސުޢޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި، އެފަދަ ސިޔާސީ ބޭފުޅަކު ދައްކަވާ ސިޔާސީ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އުޝާމް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓަށް ވެސް އަދި ޖުޑީޝަރީއަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވީ ސުޢޫދު," އުޝާމް ވިދާޅުވިއެވެ. "އެކަން ކޮންމެ ދުވަހަކުން އެ މައްސަލަ ބެއްލި ނަމަވެސް ސާބިތުކޮށް ދެވޭނެ. އެކަމުގައި ޖަވާބުދާރީވެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް."

މީގެއިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ވާހަކަތަކަށްވެސް އުޝާމް ރައްދު ދެއްވިއެވެ. އެޖެންޓެއް ފޮނުވައިގެން އަޒްމިރާލްދާއަށް އިންޒާރު ދެއްވި ކަމަށް ކުރެވުނު ތުހުމަތަކީ "އެއްވެސް ހަގީގަތެއް ނެތް ދޮގެއް" ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އަޒްމިރާލްދާ ވިދާޅުވާ އެޖެންޓަކީ އެ ދެ ބޭފުޅުންގެ ވެސް ރަހުމަތްތެރިއެއް ކަމަށާއި، އެ ވާހަކަ ދެކެވުނީ މިހާރުގެ މައްސަލަ ފެށުމުގެ މާ ކުރިން ކަމަށްވެސް އުޝާމް ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!