ޗައިނާގައި ޒުވާނުންގެ ހާޓްއެޓޭކްތައް އިތުރުވެ، ބޮޑު ކަންބޮޑުވުމެއް

ޗައިނާގައި ފަހަކަށް އައިސް ޒުވާނުންގެ މެދުގައި ކުއްލިއަކަށް މަރުވާ މީހުންގެ އަދަދު ނުރައްކާތެރި ގޮތަކަށް އިތުރުވެފައިވާކަން ފާހަގަވެއްޖެއެވެ. މި މަރުތަކުގެ މައިގަނޑު ސަބަބެއް ކަމަށް ވެފައިވަނީ ހާޓްއެޓޭކާއި ސްޓްރޯކްކަމަށް ވެއެވެ. ކުރިން މައިގަނޑު ގޮތެއްގައި ދުވަސްވީ މީހުންނަށް ދިމާވާ ބަލިތަކެއް ކަމުގައި ބެލެވުނު މި ބަލިތައް، މިހާރު އުމުރުން 20، 30، އަދި 40 ގެ އަހަރުތަކުގެ ޒުވާނުންނަށް ވެސް ދިމާވަމުންދާތީ ސިއްހީ ދާއިރާގެ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ޒިންމާ އުފުލާ ޗައިނާސަރުކާރުން މިކަމަށް އެދެވޭ އިޖާބައެއް ދީފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ޗައިނާގައި އިތުރުވަމުންދާ ހެކިތަކާއި ފުޅާ ދާއިރާއެއްގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބެއް ނުލިބޭތީ ސިއްހީ ޚިދުމަތާއި، މައުލޫމާތު ހާމަކުރުން ފަދަ ނިޒާމީ ނާކާމިޔާބީތައް ވަނީ ފާހަގަވެފައެވެ. މިކަމުގައި ބަޔޮލޮޖިކަލް އަދި މުއައްސަސާ ފެންވަރުގެ އިހުމާލުތަކެއް އެކުލެވޭ ބޮޑު ނުރައްކަލެއް ފެންނަ ކަމަށް މާހިރުން ބުނެއެވެ.

ސިއްހީ ދާއިރާގެ މާހިރުން ވަނީ ފަހަކަށް އައިސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު، ޝިޖިއާޒުއާންގ ޓިއުމަރު ހޮސްޕިޓަލްގެ ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކު ވަނީ، ދޮއިން ވީޑިއޯ ޕްލެޓްފޯމް މެދުވެރިކޮށް ހޯދުމެއް ހިއްސާކޮށްފައިވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހާޓްއެޓޭކް އަދި ސްޓްރޯކްގެ ކޭސްތައް އިތުރުވެފައިވުމާއެކު އެ ބަލި ޒުވާނުންނަސް ޖެހެ މިންވަރު އިތުރު ވެފައިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ބައެއް 40ގެ އަހަރުތަކުގެ މީހުންގެ ސިއްހަތުގެ ނިޝާންތައް ހުންނަނީ އުމުރުން 70ގެ އަހަރުތަކުގެ މީހުންނާ އެއްގޮތަށެވެ. މިއީ ބަޔޮލޮޖިކަލް ގޮތުން އުމުރުން ދުވަސްވުން އަވަސްވުމުގެ ނުވަތަ ނޭނގޭ ދިގުދެމިދާ ނުތަނަވަސްކަމާއި ޕްރެޝަރުތަކެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބެލެވެއެވެ.

މިފަދަ އަމިއްލަ ތަޖުރިބާތައް ހިއްސާކުރަނީ ހަމައެކަނި ވަކިވަކި ޑޮކްޓަރުންނެއް ނޫނެވެ. ޖޫން މަހުގެ 11 ވަނަ ދުވަހު، ޝިއާންޔާންގ ޔުނިވަރސިޓީގެ ދެވަނަ އެފިލިއޭޓެޑް ހޮސްޕިޓަލްގެ އެމަޖެންސީ ޑިޕާޓްމަންޓްގެ ނައިބު ރައީސް ވަނީ އުމުރުން 30ގެ އަހަރުތަކުގެ ދެ ފިރިހެނަކަށް ހާޓްއެޓޭކް ޖެހިފައިވާ ކަން ރިޕޯޓުކޮށްފައެވެ. އޭގެތެރެއިން އެކަކު ކައިވެނިކޮށް، ބައްޕައަކަށް ވީތާ މާ ގިނަ ދުވަހެއް ނުވެއެވެ. އޭނާ ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވެއެވެ.

ޖަމާއަތްތެރިންގެ ފަރާތުން ދޭ ތަފާސްހިސާބުން ވެސް އުމުރުން ދުވަސްވުމުގެ ކުރިން މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާކަނ ފާހަގަ ކުރެއެވެ.

އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި، 1980ގެ އަދި 1990ގެ އަހަރުތަކުގައި އުފަންވި މީހުންގެ މަރުވާ ހަބަރުތައް މިހާރު ވަރަށް ގިނައިން ފެންނަމުންދާއިރު، ގިނަ މީހުން މަރު ވަނީ ހާޓްއެޓޭކްގައެވެ.

ހިއްސާ ކުރައްވާ!