އިރުމަތީ ޗައިނާ ކަނޑުގައި ޖަޕާނާއި ޗައިނާ އަދި ތައިވާނާ ދެމެދު މައްސަލަ އުފެދިފައިވާ ސެންކަކު ޖަޒީރާ ރަށްތަކުގެ ކަނޑުގެ ސަރަހައްދަށް ޗައިނާގެ ދެ މަނަވަރު ވަދެފައިވާ ކަމަށް ޖަޕާނުގެ ކޯސްޓްގާޑުން ބުނެފިއެވެ. މި ދެ މަނަވަރަކީ ހަތިޔާރު އެޅި، ޗައިނާގެ ކޯސްޓްގާޑަށް ނިސްބަތްވާ އުޅަނދުތަކެވެ. ބުރާސްފަތި ދުވަހާ ހަމައަށް ވެސް އެ ބޯޓުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔުމަކީ އިރުމަތީ ޗައިނާ ކަނޑުގައި ހަމަނުޖެހުން އިތުރަށް ނުތަނަވަސްވެފައިވާ ކަމެއް ކަމަށް ޖަޕާނުން ބުނެއެވެ.
ޖަޕާނުގެ ކޯސްޓްގާޑުން ރިޕޯޓުކުރި ގޮތުގައި، މި ދެ ޗައިނާ އުޅަނދުގެ ތަށްޓު މަތީގައި ބޮޑު ބަޑި ހަރުކޮށްފައި ވެއެވެ. އެ އުޅަނދުތައް ސެންކަކު ޖަޒީރާ ރަށްތަކުގެ ވަށައިގެންވާ 12 ނޯޓިކަލް މޭލުގެ ސަރަހައްދީ ކަނޑުތެރެއަށް ވަދެފައި ވަނީ ބުދަ ދުވަހުގެ ހެނދުނުއެވެ. އެ ބޯޓުތަކުން ޖަޕާނުގެ މަސްވެރިކަން ކުރާ އުޅަނދަކާ ގާތްވާން މަސައްކަތްކުރި އެވެ. ނަމަވެސް، ޖަޕާނުގެ ކޯސްޓްގާޑްގެ އުޅަނދުތަކުން އެކަން ހުއްޓުވި ކަމަށް ޓޯކިޔޯއިން ބުނެއެވެ. އަދި އެ ސަރަހައްދު ދޫކޮށް ދިއުމަށް ތަކުރާރުކޮށް ޗައނާ އުޅަނދުތަކަށް އެންގި އެވެ. ބުރާސްފަތި ދުވަހާ ހަމައަށް ވެސް ޗައިނާގެ ކޯސްޓްގާޑް ބޯޓުތައް އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބެވެ.
ޖަޕާނުގެ ކޯސްޓްގާޑުން ބުނާ ގޮތުގައި ޗައިނާގެ އުޅަނދުތަކުން އެސަރަހައްދަށް ވަދެގަތުމަކީ "ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު" އަމަލެކެވެ. އަދި ޖަޕާނުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ސެންކަކު ޖަޒީރާ ރަށްތަކަކީ 2012 ވަނަ އަހަރު ޖަޕާނުން އެ ރަށްތަކަށް ސިޔާދަތު ކަށަވަރު ކުރި ފަހުން ޗައިނާއާ ދެމެދު މައްސަލަ އުފެދިފައިޥާ ޖަޒީރާތަކެކެވެ. އެއަށްފަހު ޗައިނާއިން ވަނީ ތަފާތު ބަހަނާގައި ޖަޕާނުގެ ސަރަހައްދަށް ވަދެ ބާރުދައްކަން އުޅެފައެވެ. ޗައިނާގެ މިފަދަ ހަރަކާތްތަކަކީ ސީދާ އަސްކަރީ ކުރިމަތިލުމަކަށް މަގުފަހި ނުކޮށް، އެ ސަރަހައްދުގެ މައްޗަށް އެމީހުންގެ ބާރު އެ ސަރަހައްދަށް ފޯރުވުމަށް ކުރާ މަސައްކަތެކެވެ.
މި ހާދިސާ ހިނގާފައި ވަނީ ޗައިނާއިން އަސްކަރީ ބާރު ގަދަކުރަމުންދާކަމަށް ބުނެ ޖަޕާނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. މީގެ ސަބަބުން އެމެރިކާއާ ގާތް ގުޅުމެއް ބާއްވާ ޖަޕާނާއި ޗައިނާގެ ގުޅުން އިތުރަށް ގޯސްވެ، ދެބަސްވެފައިވާ މި ސަރަހައްދުގައި ހަމަޖެނުހުން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.
ޗައިނާގެ ކޯސްޓްގާޑްގެ ހަރަކާތްތައް މި ސަރަހައްދުގައި އިތުރުވާން ފެށީ 2012 ވަނަ އަހަރު އެވެ.






