ދަތްއަޅާތީ ކެތް ނުކުރެވިގެން ވަކީލާ ވަޒީފާއިން ވަކިކޮށްފި

މަޝްހޫރު ލޯ ފާމް ސިޑްލީ އޮސްޓިން ގައި އިންޓާންއެއްގެ ގޮތުގައި ގެނައި ވަކީލާ މުވައްޒަފުންގެ ގައިގައި ދަތް އަޅާތީ ނުގެންގުޅެވިގެން ވަޒީފާއިން ވަކިކޮށްފިއެވެ. އެބަވް ދަ ލޯއިން ބުނިގޮތުގައި ފުރަތަމަ ދުވަހު ނިކަން ނިއަނެތިކޮށް ފެނުނު މި އަންހެން ކުއްޖާ ފަހުން ފެނުނީ ބިރުވެރި ފިލްމެއްގައި އުޅޭ މިހާ އެއްތަރުކޮށެވެ.

ވަޒީފާއިން ވަކިކޮށްލި އިރު މި ވަކީލާ ވަނީ 10 މުވައްޒަފުންގެ ގައިގައި ދަތް އަޅާފައެވެ. ބައެއް މީހުންގެ ލަދުވެތި ގުނަވަނަށްވެސް އަމާޒު ކުރިކަމަށް ވެއެވެ. އޭނާ ދަތް އެޅި މީހުންގެ ތެރޭގައި އެހެން އިންޓާނުންނާއި ވަކީލުންނާއި އެޗްއާރު އޮފިޝަލަކު ވެސް ހިމެނެއެވެ.

މީޑިއާ ރިޕޯޓުގައި ވާގޮތުން އެ އޮފީހުގައި މަސައްކަތް ކުރާ އޭނާގެ އެކުވެރިޔާގެ ގައިގައި ތަކުރާރުކޮށް ދަތްއަޅާތީ އޭނާ އޮފީހަށް އަންނަން ފެށީ އަތްދިގު ގަމީސް ލައިގެންނެވެ.

މީޑިއާއިން ވަނީ މުވައްޒަފުންގެ އަތުގައި ދަތް އަޅައިގެން ދުޅަވެފައިވާ ތަންތަންވެސް ދައްކާފައެވެ.

ބައެއް މުވައްޒަފުން ކޮމެންޓް ކޮށް ބުނެފައި ވަނީ އޭނާ އެކަން ކުރަނީ ބޮޑު ނަފްސާނީ ކަމެއް ދިމާވުމުން ކަމަށެވެ.

މަޝްހޫރު ލޯ ފާމް ސިޑްލީ އޮސްޓިންއަކީ، 19 ވަނަ ގަރުނުގައި އުފެދުނު އަދި ދުނިޔޭގެ 21 ސިޓީއެއްގައި އޮފީސް ހުންނަ އެމެރިކާގެ ގާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ނަމެކެވެ.

އަދި 1988 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އޭނާގެ އަނބިކަނބަލުން މިޝެލްވެސް އެކަކުއަނެކަކަށް ތައާރަފްވީ މި ލޯފާމް ގައި މަސައްކަތް ކުރުމުގެ ތެރޭންނެވެ.

ހިއްސާ ކުރައްވާ!