ދުނިޔޭގެ ބޭރުން އަންނަ ކަމަށް ބެލެވޭ، މާސިންގާ އުޅަނދެއްގެ މިސްރާބު ހުރީ ދުނިޔެއާ ދިމާއަށް ކަމަށް ބުނެފިއެވެ. ފަލަކީ އިލްމުވެރިން ބުނާ ގޮތުން މިއީ ގެލެކްސީތަކުގެ މެދުގައި ދަތުރުކޮށް އުޅޭ، އިންޓަސްޓެލާ އެއްޗެއް ކަމަށް ލަފާ ކުރެވޭ 3I/ATLAS ގެ ނަމުން ނަން ދީފައިވާ ޖިސްމެކެވެ. ނާސާއިން ވަނީ މި ޖިސްމުގެ ދަތުރު ކަށަވަރުކޮށްދީފައެވެ. އަދި ގެލެކްސީތަކުގެ މެދުގައި ދަތުރުކޮށް އުޅޭ، އިންޓަސްޓެލާ އޮބްޖެކްޓް ދުނިޔެއާ ހިސާބަށް ފޯރާނީ ނޮވެމްބަރު މަހުގައި ކަމަށް ނާސާއިން ޔަގީން ކޮށްދެއެވެ.
އެސްޓްރޯފިޒިކަލް ޖާނަލްގައި މި ޖިސްމާ ބެހޭ ގޮތުން ބަހުސްކޮށްފައި ކަރުދާހެއް ޝާއިއުކޮށްފައި ވެއެވެ. އެ ކަރުދާހުގައި މި މައުޟޫއަށް ވާހަކަ ދައްކާ ތަފާތު ފަރާތްތަކުގެ ޚިޔާލުތައް ގެނަސްދީފައި ވެއެވެ. އެއް ބަޔަކު ބުނެފައި ވަނީ، އެއީ، މި ބިމަށް ހަމަލަ ދޭން އަންނަ އޭލިއަން އުޅަނދެއް ކަމަށް ލަފާ ކުރެވޭ އެއްޗެއް ކަމަށެވެ. އެފަރާތްތަކުގެ ތެރޭގައި، ހާވާޑް ޔުނިވާސިޓީގެ މަޝްހޫރު އެސްޓްރޯފިޒިސިސްޓެއް ކަމަށްވާ އެވީ ލޯބް އާއި އިނިޝިއޭޓިވް ފޯ އިންޓަސްޓެލަރ ސްޓަޑީޒްގެ ކޯ ރިސާޗަރުން ހިމެނެއެވެ.
އެސްޓްރޯ ފިޒިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ގޮތުގައި ބިމާ ދިމާއަށް އަންނަ މި އުޅަނދަކީ ކުރިން ހީކުރި ވަރަށް ވުރެ މާ ބިޔަ ބޮޑު އެއްޗެކެވެ. އަދި އޭގައި ބޭރު ދުނިޔޭގެ މަޚުލޫގުން ތިބޭނެ ކަމަށްވެސް އެވީ ލޯބްއާއި ބައިވެރިން ލަފާ ކުރެއެވެ.
އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ސައިންޓިސްޓުން ބުނެފައި ވަނީ އެއީ ކީޔާލީ ވާހަކައެއް ކަމަށާއި މި ބަހުސަކީ، އެސްޓްރޯބަޔޮލޮޖީގައި ހިނގަމުންދާ ބަހުސެއް ކަމުން، އެފަދަ ވާހަކަތަކަކީ އަދި ސާބިތު ހިފޭފަދަ ވާހަކަތަކެއް ނޫން ކަމަށެވެ.
ފަލަކީ އިލްމުވެރިން ލަފާ ކުރާ ގޮތުގައި މި ޖިސްމުގެ ދިގުމިނުގައި 11.2 ކިލޯމީޓަރު ހުންނާނެ އެވެ. ނަމަވެސް އޭގެ މިސްރާބު ހުރިގޮތުން އޭގެ ފުޅާމިން ދަނެގަނެވޭ ގޮތެއް ނުވެއެވެ.
އެވީ ލޯބްއާއި ބައިވެރިން މިއީ އޭލިއަން އުޅަނދެއް ކަމަށް ބުނެ އޭގައި އޭލިއަނުން ތިބެދާނެ ކަމަށް ބުނާއިރު ނާސާއިން އެވާހަކައަށް މުހިންމު ކަމެއް ނުދެއެވެ.
އޭލިއަނުން ދުނިޔެއަށް ޒިޔާރަތް ކުރާ ވާހަކައަކީ، ޓްރަމްޕް ވެރިކަމަށް އައުމަށްފަހު، އަލުން ފެށިފައިވާ ބަހުސެކެވެ. ޓްރަމްޕް ވަނީ، އެމެރިކާއިން ފެނިފައިވާ ޔޫއެފްއޯއާ ބެހޭ މައުލޫމާތު ހާމަ ކުރާނެ ކަމަށް ކުރިން އިއުލާން ކޮށްފައެވެ. އެކަމާ ގުޅިގެން، ކުރިން އެދާއިރާގައި އުޅެފައިވާ މީހުން މީސްމީޑިއާގައި ހާމަކޮށްފައިވާ ވާހަކަތަކުން އޭލިއަނުން ދުނިޔެއަށް އައިސް އުޅޭކަމަށް ގަބޫލުކުރާ ބަޔަކުވެސް އުޅެއެވެ.







