ގޭގައި ގެންގުޅުނު ޚާދިމާ މަރާލި މައްސަލާގައި، ކުވެއިތުގެ ޖިނާއީ ކޯޓުން އަންހެނަކާއި އޭނާގެ ފިރިމީހާއަށް މަރުގެ ޙުކުމް އިއްވައިފިއެވެ. މި ހާދިސާއަކީ، ކުވެއިތުގެ އާންމު ރައްޔިތުން ހައިރާންކޮށްލި ޖަރީމާއެކެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައި ވަނީ: މި ދެމަފިރިން ފިލިޕީންސް ޚާދިމާ ގޭގައި ގެންގުޅުނީ ބަންދުކޮށްގެން ކަމަށާއި އަދި އޭނާގެ ގައިގައި ތަޅައި އަނިޔާ ކުރަމުން ދިޔަ ކަމަށާއި މިމީހުންގެ އަނިޔާތަކާ ހެދި އޭނާގެ ޞިއްޙީ ޙާލަތު ދަށަށް ދިޔަނަމަވެސް، ފަރުވާ ހޯދުމުން މަނާކޮށް، ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއެކު މަސައްކަތް ކުރުމަށް މަޖުބޫރު ކުރަމުން ދިޔަ ކަމަށެވެ.
ތުހުމަތު ކުރެވޭ ފަރާތްތަކުން އޭނާގެ ނިކަމެތިކަމާއި ބޭނުންތެރިކަން ނަހަމަގޮތުގައި ބޭނުންކޮށް، އިންސާނީ ވަގުފާރީގެ ޖަރީމާއެއް ހިންގާފައިވާ ކަމަށާއި މި އަނިޔާތަކުން އެމީހާ ދުނިޔެ ދޫކޮށް ދިޔައީ ކަމަށް ޝަރީއަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ މިއީ އިންސާނީ ޙައްޤުތަކުގެ އެންމެ އަސާސީ މިންގަނޑުތަކަށް ރިއާޔަތް ކުރުމެއް ނެތި ބަޔަކު ހިންގިޖަރީމާއެއް ކަމަށެވެ. މިމީހުންގެ އަނިޔާތަކުން އެ ޚާދިމާ މަރުވުމުން ދެ މަފިރިން ވަނީ ކުވެއިތުގެ ސަޢުދުލްޢަބްދުﷲ ސަރަޙައްދުގައި ހުރި އެމީހުންގެ ގޭގެ ގޯތިތެރޭގައި އެމީހާ ވަޅުލައި ކުށުގެ ހެކިތައް ފޮރުވުމަށް މަސައްކަތް ކޮށްފައެވެ.
ކޯޓުން ބުނެފައި ވަނީ، މިއީ އިންސާނީ ކަރާމާތަށް އަރައިގަތުމާއި އިންސާނީ ވަގުފާރީގެ ކުށެއް ކަމަށާއި މިކަމުން އެހެން މީހުންނަށްވެސް އިބްރަތް ލިބެން ޖެހޭނެ ކަމަށެވެ. އަދި ކޯޓުން ވަނީ ދެމަފިރިން ދަންޖައްސައި މެރުމަށް ޙުކުމް ކޮށްފައެވެ.







