އެތައް އަހަރެއް ކުރިން ކާރުގައި ކޫރު އެޅީތީވެ ބަޔަކު މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ

ތައިލެންޑްގެ ވެރިރަށުގެ މަޝްހޫރު ކާބޯތަކެތި ވިއްކާ ބާޒާރެއްގައި އިއްޔެ ބަޑިޖަހައި ފަސް މީހަކު މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ ބަޔާނުގައިވާ ގޮތުން ބެންކޮކްގެ އުތުރުގައި އޮންނަ އޯ ޓޯ ކޯ މާރުކޭޓުގައި މަރާލެވުނު މީހުންގެ ތެރޭގައި ހަތަރު ސެކިއުރިޓީ ގާޑުންނާއި އެތަނުގައި ތަކެތި ވިއްކާ މީހަކު ހިމެނެ އެވެ. އަދި އިތުރު ދެ މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި މާރުކޭޓް ހުންނަނީ ތައިލެންޑު މީހުންނާއި ބޭރުގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ޗަޓުޗަކް ހަފްތާ ބަންދުގެ މާރުކޭޓާ ޖެހިގެންނެވެ.

ބަޑިޖެހިތާ އެތައް ގަޑިއިރެއް ފަހުން ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ކޮމިޝަނަރު ނެރުނު ބަޔާނެއްގައި ބަޑިޖެހި މީހާގެ އަނބިމީހާއާ ހަވާލާދީ ބުނެފައި ވަނީ 2019 ނުވަތަ 2020 ވަނަ އަހަރު ހިނގި ހާދިސާއެއްގައި އޭނާގެ ކާރުގެ ބޭރުގައި ކޫރު އެޅުނު މައްސަލައަކާ ގުޅިގެން ސެކިއުރިޓީ ގާޑުންނާ މެދު އޭނާ ހިތްހަމަ ނުޖެހިފައި ހުރި ކަމަށެވެ.

މިމީހާ ވަނީ މިމީހުން މެރުމަށްފަހު ބެންޗެއްގައި ހަނޖެހިލައިގެން އިނދެ އަމިއްލައަށް ބޮލަށް ބަޑިޖަހައިގެން މަރުވެގެން ފައެވެ.

ހިއްސާ ކުރައްވާ!