ޗައިނާއިން 2015 ވަނަ އަހަރު ޖުލައި މަގު ކުރިއަށް ގެންދިޔަ ސަރުކާރާ ދެކޮޅުވެރި ފަރާތްތައް ހޯދުމުގެ އޮޕަރޭޝަނަށް މިހާރު 10 އަހަރު ފުރުނީއެވެ. 709 ކްރެކްޑައުންގެ ހާދިސާއިން ބޭރު ދުނިޔޭގައި މަޝްހޫރު މި އޮޕަރޭޝަނަކީ، 2015 ވަނަ އަހަރުގެ ހޫނު މޫސުމުގައި ޗައިނާގައި ވަކީލުންނާއި އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓުންނާ ދެކޮޅަށް މުޅި ގައުމު އެކި ހިސާބުތަކުގައި ފިޔަވަޅު އަޅައި ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް އަދި ހިއުމަން ރައިޓްސް ވޮޗް ފަދަ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ ޗައިނާ ސަރުކާރުން އިންސާނީ ޙައްޤުތަކާ ބެހޭ ވަކީލުންނާއި އެކްޓިވިސްޓުންނަށް ފިޔަވަޅު އެޅުމުން ބައިނަލްއަޤްވާމީ ތަޙްޤީޤެއް ހިންގުމަށް ގޮވާލާފައެވެ.
2015 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ފެށުނު މި ޙަމަލާގައި ޤާނޫނީ ދާއިރާގެ 200 އަށް ވުރެ ގިނަ ފަންނުވެރިންނަށް އަމާޒުކޮށްފައިވެއެވެ. އަދި ދީނީ ގޮތުން ބައިމަދު މީހުންނާއި ޑިމޮކްރަސީއަށް ވާހަކަ ދައްކާ އެކްޓިވިސްޓުންގެ ގިނަ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިއީ ރައީސް ޝީގެ ވެރިކަމުގައި ދެކޮޅުވެރި ވާހަކަތައް ކޮންޓްރޯލު ކުރުމަށް ހިންގާފައިވާ ފުޅާ ދާއިރާއެއްގެ އޮޕަރޭޝަނެކެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ، ޒީ ޔަންގް އަދި ޖިއާންގް ޓިއަންޔޮންގް ފަދަ ވަކީލުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހުންނަށް މަޖުބޫރުން އިޢުތިރާފުވުމަށް ބާރުއަޅާފައި ވެއެވެ. އަދި ނަފްސާނީ ގޮތުން އަނިޔާތައް ދީފައިވެއެވެ. މި ޙަމަލާތަކުގައި މުއައްސަސާތަކުން ސިޔާސީ އިރުޝާދުތައް ތަންފީޛުކޮށްފައިވާ ކަމަށާއި، ޝަރުޢީ މަރުޙަލާއެއް ނެތި ވަކީލުކަމުގެ ހުއްދަ ބާޠިލުކޮށްފައިވާ ކަމަށް ބުނެ މިކަން ކުށްވެރިކޮށްފައި ވެއެވެ.
ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާއިން ވަނީ ޤާނޫނީ ހުކޫމަތުގެ ސިފަ ގެއްލެނީކަމަށް ބުނެ މި ފިޔަވަޅުތައް ކުށްވެރިކޮށްފައެވެ.






