ޗައިނާގެ ޗާޖިންގ ޕްރޮޓޮކޯލް ބޭނުންކުރާ ޗައިނާގެ އިލެކްޓްރިކް ވެހިކަލްތައް އެތެރެކުރުން ހުއްޓާލުމަށް މިސްރު ސަރުކާރުން މިހާރު ވިސްނަމުންދާ ކަމަށް މީޑިއާއިން ބުނެއެވެ. މީޑިއާއަށް މަސްދަރުތަކުން އިތުރަށް ފާހަގަކޮށްފައިވަނީ މި ނިންމުމާ ގުޅޭގޮތުން މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، އެކި މުއައްސަސާތަކުން މިކަމާ ގުޅޭ މަޢުލޫމާތު މިސްރު ސަރކާރުން ހޯދަމުން ގެންދާ ކަމަށެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކޮމްޕެޓިޝަން އެންޑް އެންޓި-ޓްރަސްޓް އޮތޯރިޓީ އިން ހޯދާ މައުލޫމާތު ކަމަށް ބުނެފައިވެއެވެ.
މިސްރުގެ ފާސްޓް ޗާޖިންގ ސްޓޭޝަންތަކުގައި ޗައިނާގެ ޗާޖިންގ ޕްރޮޓޮކޯލަށް ދެމުންއައި ތާއީދު ނިމުމަކަށް ގެނައުމަށްވެސް މިސްރުގެ އިލެކްޓްރިސިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ކޮންސިއުމަރ ޕްރޮޓެކްޝަން އިދާރާއިން ފާއިތުވި ދުވަސްތަކުގައި ވަނީ ނިންމާފައެވެ. މިގޮތުން، މިސްރުން ދެން ބަރޯސާ ވާނީ ހަމައެކަނި ޔޫރަޕްގެ ސީސީއެސް2 ޗާޖިންގ ޕްރޮޓޮކޯލަށް ކަމަށް ވަނީ ނިންމާފައެވެ.
މިނިންމުމުގެ މަޤްޞަދަކީ ޗައިނާ އަދި ޔޫރަޕްގެ ވެހިކަލްތަކަށް ތަފާތު ޗާޖިންގ ސިސްޓަމްތައް ބޭނުންކުރުމުގެ ސަބަބުން ދިމާވެފައިވާ ޓެކްނިކަލް އުނދަގޫތަކާއި ރިސްކުތައް ކުޑަކުރުމެވެ. އަދި ޗާޖިންގ ޕްރޮޓޮކޯލްތައް އެއްގޮތްކޮށް، ޗާޖިންގ ސްޓޭޝަންތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށެވެ.
މިސްރުން ދެކެނީ މި ނިންމުމުގެ ދަށުން ޗައިނާގެ އިލެކްޓްރިކް ވެހިކަލްތައް ގޭގައި ނުވަތަ ސްލޯ ޗާޖިންގ މެދުވެރިކޮށް ޗާޖުކުރުމުގެ ހުއްދަ އޮތް ނަމަވެސް، ހައިވޭތަކާއި އާންމު ޚިދުމަތްދޭ ސްޓޭޝަންތަކުގައި ހުންނަ ފާސްޓް ޗާޖިންގ ސްޓޭޝަންތަކުގައި މިހާރު ޗާޖު ނުކުރެވޭނެ ކަމަށެވެ.






