އަފްޣާނިސްތާނުގައި ފަތުރުވެރިކަން މަޑުމަޑުން އާރާސްތުވާ މަންޒަރު ފެންނަމުންދެއެވެ. ތާލިބާނުންގެ ސަރުކާރުން ދަނީ ފަތުރުވެރިކަމުގެ ދާއިރާ އިޤްތިޞާދީ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަން މަސައްކަތްކުރަމުން ނެވެ. މިހާރު އަފްޣާނިސްތާނަށް މަދު އަދަދެއްގެ ބޭރުގެ ފަތުރުވެރިން ޒިޔާރަތްކުރަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

މީޑިއާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އަންހެން ފަތުރުވެރިންނަށް ގައިޑުންގެ ގޮތުގައި އުޅެނީ އަންހެނުންނެވެ. އުމުރުން 24 އަހަރުގެ ސުމައްޔާ މުނީރީއަށް ޓުއަރ ގައިޑުންނާ މުއާމަލާތު ކުރުމުގެ ފަންނުވެރިކަން ދަސްވީ އިނގިރޭސި ބަސް ދަސްކުރާ ކޯހެއް އޮންލައިންކޮށް ހެދުމުގެ ތެރޭގައެވެ. އަދި އޭނާ ވަނީ މަޝްހުރު ކައުޗް ސާފިން އެޕްގައި ބައިވެރިވެގެން މީހުންނަށް ޚިދުމަތް ދޭން ފަށާފައެވެ. ހުޅަނގު އަފްޣާނިސްތާނުގައި އޮންނަ އޭނާގެ ރަށަށް ފުރަތަމަ ޒިޔާރަތްކުރި މީހާއަށް މެހެމާންދާރީ އަދާކުރުމަށް އޭނާއަށް ފުރުސަތު ލިބިގެން މިކަމުގައި ކުރިއަށް ދާން އޭނާއަށް އެނގުނެވެ.
ކައުޗް ސާފިންގެ އެޕްގެ އެހީތެރިކަމާއެކު އަފްޣާނިސްތާނަށް ދިޔަ އޮސްޓްރޭލިޔާގެ ފަތުރުވެރިން ބުނަނީ އަފްޣާނިސްތާނަކީ މުޅިން ތަފާތު ތަނެއް ކަމަށެވެ. އެ 3 ފަތުރުވެރިންނަށް ގައިޑްކޮށްދޭން އުޅުނީ 3 އަންހެން ގައިޑުންނެވެ.




