އިސްކޮޅުގައި ބޮޑު ތަފާތެއް ހުރި ދެމަފިރިއެއްގެ ލޯބީގެ ވާހަކަ ވަނީ އާންމުންގެ ސަމާލުކަން ހޯދައިފައެވެ. ފަސް ފޫޓު ހަތަރު އިންޗީގެ އަނީތާ ވިންގް ލީ އާއި ކައިވެނިކޮށްފައި ވަނީ ހަތަރު ފޫޓު އިސްކޮޅުގެ ތިމޮތީ މުއްޓޫ އެވެ.
މި ދެމީހުން ތައާރަފް ވުމަށްފަހު އުޅުނީ ދެ ރަށްޓެހިންގެ ގޮތުގައެވެ. އަނީތާ ބުނާ ގޮތުން އޭނާގެ ޚިޔާލުގައި ޓިމޮތީއަކީ ދުވަހަކުވެސް އޭނާގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ޚިޔާލު ކުރި މީހެއް ނޫނެވެ. އޭނާގެ ފަސް ފޫޓު ހަތަރު އިންޗީގެ އިސްކޮޅާ، ތިމޮތީގެ ހަތަރު ފޫޓުގެ އިސްކޮޅުގެ ތަފާތަކީ ފުރަތަމަވެސް އޭނާއަށް ބޮޑު މައްސަލައަކަށް ވި ކަމެކެވެ.
ޓިމޮތީއަކީ އާދައިގެ މީހެއް ނޫނެވެ. އޭނާއަކީ، ކެނެޑާގެ ޗެރިޓީއެއްގެ މުއައްސިސް މެމްބަރެކެވެ. އަދި އިންޖިނޭރެކެވެ. އޭނާ ބުނަނީ އަނީތާ ފެނުމުން ފުރަތަމަ ހިތުގައި ލޯބީގެ ޝުއޫރެއްގެ ވިންދު ޖަހަން ފެށި ކަމަށެވެ. އަދި އޭނާގެ ޝަޚްސިއްޔަތު އިތުރަށް ދެއްކުމަށްޓަކައި އަނީތާއާ ގުޅުން ބަދަހިކޮށް، މެސެޖް ބަދަލު ކުރުން އިތުރުކުރި ކަމަށެވެ.
ޓިމޮތީގެ ލޯބީގެ އިހުސާސްތަކާމެދު އަނީތާ ފުރަތަމަ ނުތަނަވަސްކަން ފާޅުކުރި ކަމާއި، އެމީހުންގެ ރަހުމަތްތެރިކަން ދެމެހެއްޓުމަށްޓަކައި އިންތަކެއް ކަނޑައެޅުމަށް މަސައްކަތްކުރި ކަމަށް ޓިމޮތީ ކިޔައި ދެއެވެ. ނަމަވެސް، ފަހުން އޭނާގެ ޝުއޫރުވެސް ބަދަލުވެގެން ދިޔައީ ކަމަށް ޓިމޮތީ ބުނެއެވެ.
އަމިއްލަ ވިޔަފާރިއެއް ގެންގުޅޭ އަނީތާގެ ޚިޔާލު ބަދަލުވީ، އޮސްޓްރޭލިއާގެ ޚާއްސަކޮށް ކުޅެދިފައިވާ މީހެއްގެ ވާހަކައިންނެވެ. އަތްފައި ނެތި އުފަންވެފައިވާ އޮސްޓްރޭލިއާގެ މޯޓިވޭޝަނަލް ސްޕީކަރެއް ކަމަށްވާ ނިކް ވުޖިޗިޗް އާއި އޭނާގެ އަންހެނުން ކަނާއީގެ ލޯބީގެ ވާހަކައިން އަނީތާއަށް އިލްހާމް ލިބުނެވެ.
އަނީތާ ބޭނުންވަނީ އޯގާތެރިކަމާއި ޚުލްގު ހެޔޮކަން ކަމަށް އޭނާއަށް ވިސްނުނެވެ. އަނީތާ ބުނި ގޮތުގައި އޭނާގެ ހަޔާތުގެ ބައިވެރިއެއްގެ ސިފަތައް ލިސްޓްކުރިއިރު "އިސްކޮޅުން ދިގު މީހަކަށް" ވުމަކީ އެ ލިސްޓުގައި ހިމެނުނު ސިފައެއް ނޫނެވެ.
މި ދެމީހުން ބައްދަލުވެފައިވަނީ 2021 ވަނަ އަހަރު ޓޮރޮންޓޯގައެވެ. ރައްހުމަތްތެރި ބައެއްގެ ބައްދަލުވުމަކުންނެވެ. ފަހުން، އެމީހުންގެ ގުޅުން ރަހުމަތްތެރިކަމުން ލޯބީގެ ގުޅުމަކަށް ބަދަލުވެ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެންގޭޖްވެ، މި އަހަރު ކައިވެނިކުރީއެވެ.
އަނީތާ އާއި ޓިމޮތީ މިހާރު ދަނީ އެމީހުންގެ "އާދަޔާޚިލާފު ވާހަކަ" އެމީހުންގެ ވެބްސައިޓާއި އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ. އެމީހުންގެ މަޤްސަދަކީ "ލޯބި އަންނަނީ ތަފާތު ސިފަތަކާއި ސައިޒުތަކުގައި" ކަން ސާބިތުކޮށްދިނުމެވެ.
އަނިތާ ބުނާ ގޮތުން އޮންލައިންކޮށް އެމީހުންނާ ވާހަކަދައްކައި އުޅޭ މީހުން ހީކުރަނީ އެމީހުންގެ ފޮޓޯތަކަކީ މަބުން އުފައްދާފައިވާ ތަސްވީރުތަކެއް ކަމަށެވެ.






