ދުނިޔޭގެ މޫސުމަށް އާދަޔާ ޚިލާފް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި މިހާރު ނަން ދީފައިވާ މޫސުމްތަކުގެ އިތުރުން އައު ދެ މޫސުމެއް ކަލަންޑަރުގައި ހިމެނުމަށް ލަފާދީފިއެވެ.
މިކަން ހާމަކޮށްފައި ވަނީ، ސައިންޓިފިކް މަޖައްލާއެއް ކަމަށްވާ، ޕްރޮގްރެސް އެންވަޔަރަންމަންޓަލް ޖިއޮގްރަފީ މަޖައްލާގައެވެ. އެ ދިރާސާއަކީ، ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސްގެ ސައިންޓިސްޓުން ކޮށްފައިވާ ދިރާސާއެކެވެ.
ސައިންސްވެރިން ރިޕޯޓްކުރާ ގޮތުގައި އަލަށް އިތުރު ކުރަން ޖެހޭ ދެ މޫސުމަކީ، ދުން ބޯވާން ދިމާވާ "ސްމޮގް ސީޒަން" އާއި ކުނި ލައްގާ "ގަރބެޖް ސީޒަން" އެވެ.
މި ދެ ކަމަކީ ކޮންމެ އަހަރަކުވެސް އެއްދުވަސްވަރެއްގައި ދިމާވާ ކަންކަން ކަމަށް ދިރާސާ ކުރި ފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.
ދުން ބޯވާ މޫސުމް ކަމަށްވާ ސްމޮގް ސީޒަން އަކީ، ކޮންމެ އަހަރަކު ވެސް އާންމުކޮށް ޖޫން މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލައިގަންނަ މޫސުމެކެވެ. އެއީ، އިންޑޮނޭޝިއާ އާއި މެލޭޝިއާ ފަދަ ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ހިސާބުތަކުގައި ޖަންގަލީ އެންދުމުގެ ސަބަބުން ގައުމުތަކުގެ މައްޗަށް ބޯ ދުމުގެ ވިލާތައް އަރާ މޫސުމެވެ.
މި ވިހަ ދުމުގެ އަސަރު ބޯޑަރު ހުރަސްކޮށް، ސިންގަޕޫރު، ތައިލެންޑް އަދި އިންޑިއާ އާއި ރާއްޖެ ފަދަ ގައުމުތަކަށް ފޯރުމުން ކޮންމެ އަހަރަކުވެސް އެތައް މިލިއަން މީހުންގެ ދިރިއުޅުމަށް އެކަމުން އަސަރު ކުރެއެވެ.
ހަމައެފަދައިން އެމެރިކާގެ ކެލިފޯނިއާގައި ޖަންގަލީގައި ވެސް ބަހާރު މޫސުމުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ރޯވެ ބޯ ދުން ފެތުރެން ދިމާވެއެވެ. އަދި ކެނެޑާގައި ޖަންގަލީގައި އަލިފާން ރޯވުމުގެ ސަބަބުން ނިއުޔޯކާއި ނިއު ޖާޒީ ފަދަ ސަރަހައްދުތަކަށް ބޯ ދުމުގެ އަސަރު ކުރެއެވެ.
ދެވަނަ މޫސުމަކަށް އިތުރު ކުރާ ކުނި ލައްގާ މޫސުމަކީ، ޑިސެމްބަރު މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް އިންޑޮނޭޝިއާއާއި އެހިސާބުގެ ބައެއް ގައުމުތަކުގެ ގޮނޑުދޮށްތަކަށް ކުނި ލައްގާ މޫސުމެވެ. އިންޑޮނޭޝިއާގައި ފަތުރުވެރިންނަށް މަގުބޫލު ބާލީގެ އައްސޭރިފަށަށް މި މޫސުމުގައި ކޮންމެ އަހަރަކުވެސް ޕްލާސްޓިކް ފުޅިތައް ލައްގައެވެ. މިދިޔަ އަހަރުވެސް 3 ހާސް ޓަނުގެ ޕްލާސްޓިކް ކުނި ލައްގައިގެން ހޮވާފައި ވެއެވެ. މިއީ ހުޅަނގު މޫސުން ނިމޭހިސާބުގައި ފިލިޕީންސް، ތައިލެންޑް އަދި އެމެރިކާގެ އިރުމަތީ އައްސޭރީން ވެސް އާންމުކޮށް ފެންނަ ކަމެކެވެ.
ޕްރޮގްރެސް އެންވަޔަރަންމަންޓަލް ޖިއޮގްރަފީ މަޖައްލާއިން ވަނީ މޫސުމަށް އަންނަ ބަދަލު ތަކާ ގުޅިގެން ބައެއް އައު ބަސްތައް އާންމު ކުރުމަށްވެސް ހުށަހަޅާފައެވެ. އެގޮތުން ކުރިން އާދަވެގެން ގަނޑުފެން މަތީގައި ސްކީ ކޮށް އުޅޭ ސަރަހައްދުތަކުން މިހާރު ގަނޑުފެން ވިރިފައިވާތީ އެއަށް ދީފައިވާ ނަން ވެސް ހިމެނެއެވެ. މިލިޔުމުގައި ގެނަސްދީފައި ނުވިނަމަވެސް އެފަދަ 4 ނަމެއް ފާހަގަކޮށް އެފަރާތުން އޭގެ މާނައާއެކު އެ މަޖައްލާގައި ލިޔެފައި ވެއެވެ.






