އެއްގަމު އުޅަނދުފަހަރު ނުރައްކާތެރި ގޮތެއްގައި ދުއްވުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހުގެ ގިނަ މެންބަރުން އެއްބަސްވެވަޑައިގެންފިއެވެ. މިކަމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު ނަސީމް ޤާނޫނުލް ޢުޤޫބާތަށް އިސްލާހެއް ހުށަހަޅުއްވާފައި ވެއެވެ.
މި އިސްލާހުގެ މައިގަނޑު މަޤްސަދަކީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ ރައްކާތެރިކަމަށް އިސްކަންދީ، ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް އަދަބު ކަނޑައެޅުމެވެ. އަދި މިފަދަ ހާދިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމެވެ. މީގެ އިތުރުން، އެކްސިޑެންޓް ނުވިޔަސް ނުރައްކާތެރި ގޮތަށް އުޅަނދު ދުއްވުމަކީ ވަކި އަދަބެއް ކަނޑައެޅިފައިވާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު ރިފާޢުއާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ފާހަގަކުރެއްވި ގޮތުގައި މިފަދަ އިސްލާހެއްގެ މުހިންމުކަން މިވަގުތު ދިމާވެފައި ވަނީ މާލެއާއި އަތޮޅުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވެ، ގިނަ ބަޔަކު މަރުވެ އަދި ނުކުޅެދުންތެރިކަމަށް ދާމީހުން އިތުރުވުމާ ގުޅިގެންނެވެ. އަދި މި އިސްލާހުގައި ޓްރެފިކް ހޭލުންތެރިކަން އިތުރުކުރުމާއި، ބިދޭސީންނަށް ދޫކުރާ ލައިސަންސްގެ މިންގަނޑުތައް ހަރުދަނާކުރުމުގެ މުހިންމުކަންވެސް ފާހަގަ ކޮށްފައި ވެއެވެ.



