ކޯމާގައި އޮތް ކަމަނާގެ ގުނަވަންތައް ނަގަން އުޅެނިކޮށް ހޭ އަރައިފި

އެމެރިކާގެ ގުނަވަން ހަދިޔާ ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަތަށް އިތުރު ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މިފަހަރު އެފަދަ ފާޑުކިޔުންތައް އަމާޒުވެފައިވަނީ ދިރިހުރި މީހެއްގެ ގައިން ގުނަވަން ނެގުމަށް މަސައްކަތްކުރި މައްސަލައަކާ ގުޅިގެންނެވެ.

38 އަހަރުގެ ޑެނިއެލާ ގެލެގޯސް ވަނީ ސިއްހީ މައްސަލައެއްގެ ސަބަބުން ކޯމާއަކަށް ގޮސްފައެވެ. ނިއު މެކްސިކޯގެ ޕްރެސްބިޓޭރިއަން ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ފެނުނު ގޮތުގައި އޭނާ ހޭއަރާނެ ކަމަށް ނުފެނެއެވެ. އެހެންކަމުން އޭނާގެ އާއިލާއިން ވަނީ އޭނާގެ ގުނަވަންތައް ހަދިޔާކުރުމަށް އެއްބަސްވެފައެވެ.

އެހެންނަމަވެސް، އޭނާގެ ގުނަވަންތައް ނެގުމުގެ އޮޕަރޭޝަން ފެށުމުގެ ކުރިން، އޭނާގެ ދައްތައަކަށް ފާހަގަކުރެވުނީ އޭނާގެ ލޮލުން ކަރުނަ ފައިބާ ތަނެވެ. ގުނަވަން ނެގުމުގެ ކަންކަން ހަމަޖައްސާ މުވައްޒަފުން ބުނީ އެއީ ހަށިގަނޑުގެ ނާރުތަކުން އެކަމަށް އިޖާބަ ދެނީ ކަމަށެވެ. ނަމަވެސް، އޮޕަރޭޝަން ތިއޭޓަރުގައި އޭނާއަށް އިހުސާސްވާކަން ފާހަގަކުރެވި، އޭނާގެ ލޮލުގެ ވިންދު ޖަހާކަން ފާހަގަކުރެވުމުން ވެސް، ގުނަވަން ނަގަން އުޅުނު މީހުން އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބާރު އެޅިއެވެ.

މެޑިކަލް ޓީމުން އޮޕަރޭޝަން ހުއްޓާލުމާއެކު އެނގުނީ ޑެނިއެލާ ހޭއަރާފައިވާ ކަމަށެވެ. "އަހަރެން ވަރަށް ނަސީބު ރަނގަޅު… އެކަމަކު އަހަރެން މަރު ނުވަނީސް މަރާލަން އުޅުނު ކަން އެއީ ވަރަށް ބިރުވެރި ކަމެއް،" ޑެނިއެލާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހޮސްޕިޓަލުން ވަނީ ތަހުގީގެއް ފަށާފައެވެ. އަދި ގުނަވަން ހަދިޔާ ކުރުމާއި ނެގުމުގެ ޚިދުމަތްދޭ ފަރާތުން ބުނެފައިވަނީ އެފަރާތުގެ ދައުރަކީ ހަމައެކަނި ކޯޑިނޭޓްކުރުން ކަމަށާއި، މެޑިކަލް ނިންމުންތަކުގައި އެއްވެސް ދައުރެއް ނޯންނަ ކަމަށެވެ. ނަމަވެސް، އައިސީޔޫ ނަރުހަކު ބުނެފައިވަނީ ކޯޑިނޭޓަރުން ބޭނުން ވަނީ ގުނަވަން ހޯދުމަށް ކަމަށާއި، އެކަން ކުރާ ގޮތާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.

މި ހާދިސާއަކީ އެމެރިކާގައި ގުނަވަން ނެގުމުގެ ދާއިރާގައި ހިނގާފައިވާ މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. 2021 ވަނަ އަހަރު، އެންތޯނީ ހޫވަރ ނަމަކަށް ކިޔާ މީހަކު ވެސް ވަނީ އޭނާގެ ގުނަވަންތައް ނަގަން އުޅެނިކޮށް ހޭއަރައިގެން ސަލާމަތްވެފައެވެ. މި ހާދިސާއާ ގުޅިގެން ކެންޓަކީ ސްޓޭޓުގައި ވަނީ ގުނަވަން ނެގުމގެ ކުރިން ކުރިން ކުރަންޖެހޭ ޓެސްޓުތައް އިތުރަށް ހަރުދަނާކޮށްފައެވެ.

ހިއްސާ ކުރައްވާ!