ޗައިނާގެ ގުއަންގްޑޮންގް ޕްރޮވިންސްގެ ފޯޝާން ސިޓީގައި ޗިކުންގުންޔާ ވައިރަސް ފެތުރެމުންދާ މައްސަލަ އިތުރަށް ގޯސްވެ، މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ބަލި އެހެން ގައުމުތަކަށް ފެތުރެމުންދާކަން ފާހަގަ ކޮށްފައި ވެއެވެ. ޓައިވާނުން ވަނީ ފޯޝަން ސިޓީން އެނބުރި އައި ފަތުރުވެރިއެއްގެ ކިބައިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ފުރަތަމަ ކޭސް ހޯދާފައެވެ.

މި ވައިރަސް ފެތުރެނީ އޭޑީސް މަދިރީގެ ސަބަބުން ކަމަށްވާއިރު، މިއީ ޑެންގީ އަދި ޒީކާ ވައިރަސް ވެސް ފެތުރުމުގައި މެދުވެރިވާ މަދިރީގެ ބާވަތެވެ. މިހާތަނަށް މި ބަލި 16 ގައުމަކަށް ފެތުރިފައި ވެއެވެ. މީގެ ތެރޭގައި އިންޑިއާ، ކެންޔާ، މަޑަގަސްކަރ، ސޮމާލިއާ އަދި ޔޫރަޕްގެ ބައެއް ގައުމުތައް ހިމެނެއެވެ. 2025 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 240،000 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ. އަދި 90 މީހުން ވަނީ މި ބަލީގެ ސަބަބުން ނިޔާވެފައެވެ.
އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ވަނީ ގުއަންގްޑޮންގް ޕްރޮވިންސަށް ދަތުރުކުރުމާ ގުޅޭގޮތުން ލެވެލް 2 ގެ އެޑްވައިޒަރީއެއް ނެރެފައެވެ. އަދި ޗައިނާ ނޫނަސް އިތުރު 9 ގައުމަކަށް ދަތުރުކުރުމާ ގުޅޭ އިންޒާރު ދީފައި ވެއެވެ. ޗައިނާއާއި އެމެރިކާއާ ދެމެދު ގިނަ އަދަދެއްގެ ވައިގެ ދަތުރުތައް ކުރެވެމުންދާތީ، މި ބަލި މިހާރުވެސް އެމެރިކާއަށް ވަދެފައި އޮވެދާނެ ކަމުގެ ބިރު ސައިންޓިސްޓުން ފާޅުކުރަމުންދެއެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހުޅުތަކުގައި ރިއްސުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ހިތާއި ސިކުނޑިއަށް ވެސް ނޭދެވޭ އަސަރުކުރުން ހިމެނެއެވެ. އަލަށް އުފަންވާ ކުދިންނާއި، ދުވަސްވީ މީހުންނާއި، އެހެނިހެން ބަލިތަކާއެކު އުޅޭ މީހުންނަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެދާނެ ފަރާތްތަކެވެ.
ޗައިނާ ސަރުކާރުން ވަނީ ކަރަންޓީނު ފިޔަވަޅުތައް ހަރުދަނާ ކޮށްފައެވެ. އަދި ހޮސްޕިޓަލްތަކުގައި އެކަހެރިކުރުމުގެ ފިޔަވަޅުތަކާއި، މަދިރި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރަން ފަށާފައި ވެއެވެ. އަދި ދަތުރުވެރިންނަށް މަދިރި ބޭސް ބޭނުންކުރުމަށާއި، އަތް ދިގުހެދުމާއި ހަރުވާޅު ލުމަށާއި، އެއަރކޮންޑިޝަން ކުރެވިފައިވާ ތަންތަނުގައި ތިބުމަށާއި މަދިރިގެ ބޭނުން ކުރުމަށް ލަފާދީފައި ވެއެވެ. އަދި ބަލި ޖެހިދާނެ ކަމުގެ ނުރައްކާތެރިކަން އިތުރަށް ހުރި ފަރާތްތަކަށް ވެކްސިން ޖެހުމަށް ސީޑީސީން ވަނީ އިރުޝާދު ދީފައެވެ.






