އިންޑިއާ ރަޝިއާ ގުޅުން އިތުރަށް ބަދަހިކުރުމަށް މޮދީއާއި ޕުޓިން އެއްބަސްވެއްޖެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޮދީ އާއި ރަޝިއާގެ ރައީސް ވްލަދިމިރް ޕުޓިން އާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސް، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވެއްޖެއެވެ.

މޮދީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ޕުޓިންއާއެކު ކުރިއަށް ގެންދެވުނު މަޝްވަރާތަކުގައި ޔޫކްރެއިންގެ އެންމެ ފަހުގެ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މިކަމަށްޓަކައި ޕުޓިންއަށް ޝުކުރު އަދާކުރެއްވިއެވެ.

"އަޅުގަނޑުގެ އެކުވެރިޔާ ރައީސް ޕުޓިންއާއެކު ވަރަށް ރަނގަޅު އަދި ތަފްސީލީ މަޝްވަރާތަކެއް ކުރެވުނު،" މޮދީ ވިދާޅުވިއެވެ. "ޔޫކްރެއިންގެ އެންމެ ފަހުގެ ކަންތައްތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދެންނެވިން." މި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ވިޔާފާރީގެ މަސައްކަތްތަކުގެ މުރާޖަޢާއެއްވެސް ކުރިއަށް ގެންދެވުނެވެ. އަދި އިންޑިއާ-ރަޝިއާ "ސްޕެޝަލް އެންޑް ޕްރިވިލެޖްޑް ސްޓްރެޓެޖިކް ޕާޓްނަރޝިޕް" އިތުރަށް ފުޅާކުރުމަށް ދެ ލީޑަރުންވެސް އެއްބަސްވެ ވަޑައިގަތް ކަމަށް ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ ފަހުކޮޅު ރައީސް ޕުޓިން އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މި ދަތުރުފުޅަށް މޮދީ ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހިއްސާ ކުރައްވާ!