ދުނިޔޭގެ އިގްތިސާދީ ބާރުވެރިކަން އަލުން އެކުލަވާލުމުގެ މަސައްކަތުގައި ބްރިކްސް (ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ) ގެ ދައުރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އައި.އެމް.އެފްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 އިން 2029 އަށް ދުނިޔޭގެ އިގްތިސާދީ ކުރިއެރުމުގެ 44.3 އިންސައްތަ ހިއްސާކުރާނީ ބްރިކްސް ގައުމުތަކުންނެވެ.
2025 ވަނަ އަހަރުގެ ޖީ7 ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބްރެޒިލްގެ ރައީސް ލޫލާ ދަ ސިލްވާ ބައްދަލުކުރެއްވުމަކީ، އެމެރިކާގެ ޓެރިފްތަކާ ދެކޮޅަށް ބްރިކްސް ގައުމުތަކުގެ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެކެވެ. މި ބައްދަލުވުމުގައި ބްރެޒިލްގެ ރައީސް ވަނީ އެމެރިކާގެ ވިޔަފާރި ސިޔާސަތުތަކާ ދެކޮޅަށް އައު ސްތްރެޓެޖީއެއް އެކުލަވާލުމަށް ރާވާފައިވާކަން ހާމަކުރައްވާފައެވެ.
އީސްޓް އޭޝިއާ ފޯރަމްގެ ދިރާސާއަކުން ދައްކާގޮތުގައި، އެމެރިކާގެ ވިޔަފާރި ޕްރެޝަރތަކުގެ ސަބަބުން ބްރިކްސް ގައުމުތަކުން އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަސައްކަތް މިހާރު ދަނީ އަވަށް ވަމުންނެވެ. ވަކިން ޚާއްސަކޮށް، 2025 ގެ ޖުލައި މަހު ޓްރަމްޕް ހުށަހެޅުއްވި ބްރެޒިލްގެ މުދަލަށް 50 އިންސައްތައިގެ ޓެރިފް ނެގުމުގެ ހުށަހެޅުމަކީ މިކަން އިތުރަށް ހަލުވިކޮށްދޭނެ ކަމެއްކަމަށް ބެލެވެއެވެ.
ޖީ7 ގައުމުތަކުން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ހިއްސާކުރާ މިންވަރު 20.1 އިންސައްތައިގައި ހުރިއިރު، ބްރިކްސް ގައުމުތަކުގެ ހިއްސާ ދެގުނައަށްވުރެ މަތިވުމަކީ، ދުނިޔޭގެ އިގްތިސާދީ ބާރުވެރިކަން އަލުން އެކުލަވާލެވެމުންދާކަމުގެ ހެއްކެކެވެ.
މި ބަދަލުތަކާއެކު، ބްރިކްސް ގައުމުތަކުން ވަނީ އެމެރިކާގެ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތައް ބޭނުންކުރުމާއި، އަމިއްލަ ފައިނޭންޝަލް ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. މިއީ ދުނިޔޭގެ އިގްތިސާދީ ނިޒާމަށް ގެނެވޭ އެންމެ ބޮޑު އެއް ބަދަލު ކަމުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ.
އޭގެ އިތުރުން މޮދީ ޗައިނާއަށް ކުރައްވާ ދަތުރާއި އަދި އެއަށްފަހު ރަޝިޔާ ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުން މިކަންކަން ނިންމުމަށް އަވަސް ގޮތަކަށް ސިއްކަ ޖެހިގެންދާނެ ކަމަށް ބެލެވެއެވެ.


