ނެދަލޭންޑްސްގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ޕާޓީ، ފްރީޑަމް ޕާޓީ (ޕީވީވީ)ގެ ލީޑަރު ގީރޓް ވިލްޑަރސްގެ މައްޗަށް އެ ގައުމުގެ 14 މުސްލިމް ޖަމްޢިއްޔާއަކުން ޖިނާއީ ދަޢުވާއެއް ކޮށްފިއެވެ. މި ދަޢުވާ ކުރަނީ މުސްލިމުންނާ މެދު ރުޅިވެރިކަމާއި ތަފާތުކުރުން އުފެއްދުމަށް ހިތްވަރު ދިނުމުގެ ތުހުމަތުގައެވެ.
މި ދަޢުވާގައި ސޮއިކުރި ޖަމްޢިއްޔާތަކުގެ ތެރެއިން އެއް ޖަމްޢިއްޔާ ކަމަށްވާ މުސްލިމް ރައިޓްސް ވޮޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިލްޑަރސްގެ މައްޗަށް ދަޢުވާ ކުރަނީ "ވަކި ބަޔަކަށް ފުރައްސާރަކުރުމާއި، ރުޅިވެރިކަން އުފެއްދުމާއި، ތަފާތުކުރުމާއި އަދި އަނިޔާވެރިކަމަށް ހިތްވަރު ދިނުމާއި، އިޖްތިމާޢީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރުމުގެ" ތުހުމަތުގައި ކަމަށެވެ.
މި ދަޢުވާ ކުރަން މެދުވެރިވި ސަބަބަކީ ވިލްޑަރސް ފާއިތުވި ހަފްތާގައި ސޯޝަލް މީޑިއާގައި ޝާއިޢުކުރި ފޮޓޯއަކުންނެވެ. އެ ފޮޓޯގައި މުސްލިމުންނަކީ "ނުރައްކާތެރި އަދި ބޭނުން ނުވާ ބައެއް" ގޮތުގައި ދައްކުވައިދޭ ކަމަށް ޖަމްޢިއްޔާތަކުން ބުނެއެވެ. މި ފޮޓޯގައި ވަނީ ޒުވާން ރީތި އަންހެނެއްގެ މޫނުގެ އެއްބައި "ހެޔޮ" ގޮތުގައި ދައްކުވައިދީ، އަނެއްބައިގައި ރުޅިވެރި، ދުވަސްވީ، ބުރުގާ އަޅާފައިވާ އަންހެނެއްގެ މޫނު "ނުބައި" ގޮތުގައި ދައްކުވައިދީފައެވެ.
އިސްލާމޯފޯބް ވިލްޑަރސްއަކީ އިންޑޮނޭޝިއާ އަންހެނަކަށް ލިބިފައިވާ ދަރިއެކެވެ.
އެޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވާ ގޮތުގައި މި ފޮޓޯއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ނާޒީން ޔަހޫދީންނަކީ "އިންސާނިއްޔަތާ ޚިލާފު، ނުރައްކާތެރި އަދި ބޭނުންނުވާ ބައެއް" ގޮތުގައި ދެއްކުމަށް ބޭނުންކުރި ޕްރޮޕެގެންޑާއާ ވަރަށް ބޮޑަށް އެއްވައްތަރުކޮށް ދިމާވާ ފޮޓޯއެކެވެ. އަދި މުސްލިމުންނަކީ ނެދަލޭންޑްސްގެ މުޖުތަމަޢުގެ ވަކިނުކުރެވޭނެ ބައެއް ކަމަށްވެސް އެ ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ.
އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ދެއްކުމަށް މަޝްހޫރު ވިލްޑަރސްއަކީ މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅަށް ގިނަ ރުޅިވެރި ވާހަކަތަކެއް ދައްކާފައިވާ މީހެކެވެ. އޭނާ ވަނީ ޤުރުއާން މަނާކުރުމަށާއި، މިސްކިތްތައް ބަންދުކުރުމަށް ގޮވާލާފައެވެ. އަދި އިސްލާމްދީނަކީ "ޚުދުމުޚުތާރު ވެރިކަމުގެ ވިސްނުމެއް" ކަމަށްވެސް ބުނެފައިވެއެވެ. އޭނާގެ ޕާޓީ 2023 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކާމިޔާބު ކުރުމާ ގުޅިގެން، އެ ގައުމުގައި އިސްލާމޯފޯބިއާ އާންމުވެގެން ދިއުމާމެދު އިންސާނީ ޙައްޤުތަކުގެ ޖަމްޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.





