އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ 7 އަހަރަށްފަހު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މޯދީ ވަނީ ހޮނިހިރު ދުވަހު ޓިއަންޖިންއަށް ވަޑައިގެންފައެވެ.
އޯގަސްޓް 31 އާއި ސެޕްޓެމްބަރ 1 ގައި ކުރިއަށްދާ މި ސަމިޓަކީ 10 މެމްބަރުން ހިމެނޭ އެސްސީއޯގެ މެމްބަރު ގައުމުތަކުގެ އިސްވެރިން އެއްތަނަކަށް އެއްވެ، ސަރަހައްދީ އެއްބާރުލުމާއި، ސަލާމަތީ ކަންކަމާއި، އިގްތިސާދީ ތަރައްގީއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ މުހިންމު ބައްދަލުވުމެކެވެ.
އިރުމަތީ އޭޝިއާގެ ބޮޑު ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެދާނެ ކަމަށް ބެލެވޭ މި ދަތުރުފުޅުގައި، އާދީއްތަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ މޯދީ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ އިގްތިސާދީ ގުޅުމާއި، ސަރަހައްދީ ސަލާމަތާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާއަށް ވަޑައިގަތުމުގެ ކުރިން މޯދީ ވަނީ ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ދަތުރުފަތުރާއި، ވިޔަފާރިއާއި، ޖައްވީ ދިރާސާތަކާ ގުޅޭ އެއްބަސްވުންތަކެއްގައި އިންޑިއާއާއި ޖަޕާނުން ވަނީ ސޮއިކޮށްފައެވެ. އެސްސީއޯގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މޯދީ ޓިއަންޖިންއަށް ވަޑައިގަތުމަކީ، ގިނަ ފަރާތްތަކެއް ބައިވެރިވާ މަންސަތަކުގައި އިންޑިއާގެ ހަރަކާތްތެރިކަން އިތުރުކޮށް، އެސްސީއޯގެ ތެރެއިން ސަރަހައްދީ ކަންކަމުގައި އިންޑިއާގެ ނުފޫޒު އިތުރުކުރުމަށް ކުރައްވާ މަސައްކަތެއް ކަމުގައި ސިޔާސީ މާހިރުން ދެކެއެވެ.
މޯދީ އާއި ޝީ ޖިންޕިންގ ގެ ބައްދަލުވުމުން ވިޔަފާރިއާއި، ދެ ގައުމުގެ ބޯޑަރު ބެލެހެއްޓުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ގައުމުގެ އެއްބާރުލުން އިތުރުވެ، ކުރިމަގުގައި އިތުރު ގުޅުންތަކަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.







