މިއަހަރުގެ އެސްސީއޯ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޓިއަންޖިން ސިޓީގައި އޮގަސްޓް 31 އިން ސެޕްޓެމްބަރު 1 އަށެވެ. މި ސިޓީއަކީ ޗައިނާގެ އުތުރުގައި، ބޯހައި ކަނޑުގެ ސަރަހައްދުގައި އޮންނަ ސިޓީއެކެވެ. މި ސަމިޓުގައި 20 އަށްވުރެ ގިނަ ގައުމުތަކުގެ ލީޑަރުންނާއި، 10 ބައިނަލްއަޤްވާމީ ޖަމިއްޔާގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އޭގެ ތެރޭގައި އެސްސީއޯގެ މެމްބަރު ގައުމުތަކުގެ ލީޑަރުން ކަމަށްވާ – އިންޑިއާގެ ބޮޑު ވަޒީރު މޯދީ، ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، ޕާކިސްތާނުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް، ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކާޝެންކޯ، ކަޒަކިސްތާނުގެ ރައީސް ގާސިމް ޖޯމާޓް ޓޮކާޔޭވް، އުޒްބެކިސްތާނުގެ ރައީސް ޝައުކަތު މިރްޒިޔޯޔެވް، ކްރިގިޒްގެ ރައީސް ސަދިރު ޖޭވް އަދި ތަޖިކް ރައީސް އިމާމް އަލީ އަހުމާނޯވް ހިމެނެއެވެ. އޭގެ އިތުރުން ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި މިޔަންމާގެ އަސްކަރީ ވެރިޔާ މިން އަންގް ހިލައިންގް އާއި ނޭޕާލްގެ ބޮޑުވަޒީރު ކޭ ޕީ ޝަރްމާ އޮލީ އާއި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ސަމިޓުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސީއަން) ގެ ސެކްރެޓަރީ ޖެނެރަލް ކާއޯ ކިމް ހޯން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެސްސީއޯއަކީ 1996 ގައި "ޝަންހާއީ 5″ ގެ ނަމުގައި ފެށުނު ސެކިއުރިޓީ ބްލޮކެކެވެ. މިއީ ސޯވިއެޓް ޔޫނިއަން ރޫޅުމަށްފަހު އުފެދުނު ސަރަހައްދުތަކުގެ މައްސަލަތައް ހައްލުކުރުމަށް އުފެދުނު ޖަމާއަތެކެވެ. މިހާރު މި ޖަމާއަތުގައި ދުނިޔޭގެ އާބާދީގެ 43 އިންސައްތަ އަދި ދުނިޔޭގެ އިޤްތިޞާދުގެ 23 އިންސައްތަ ހިއްސާކުރާ ޤައުމުތައް ހިމެނެއެވެ.







