އިނގިރޭސިވިލާތުގައި އަދިވެސް އެންމެ މަގުބޫލު ނަމަކަށް 'މުހައްމަދު'

އިނގިރޭސިވިލާތާއި ވޭލްސްގައި ޖައްސަ ޖައްސައިގެން ދެވަނަ އަހަރަށް ވެސް ފިރިހެން ކުދިންނަށް އެންމެ ގިނައިން ދީފައިވާ ނަމަކީ، "މުހައްމަދު" ކަމަށް އެ ގައުމުގެ ނެޝަނަލް ސްޓެޓިސްޓިކްސް އޮފީހުން ހާމަކޮށްފިއެވެ.

2024 ވަނަ އަހަރު 5،721 ކުއްޖަކަށް "މުހައްމަދު" ގެ ނަން ދީފައި ވެއެވެ. އަދި ދެވަނައަށް އެންމެ މަގުބޫލު ނަމަކީ 4،139 ކުއްޖަކަށް ދީފައިވާ "ނޯއާ" ގެ ނަމެވެ. "މުހައްމަދު" ނޫނީ "މުހަންމަދު" މި ނަން ދެ ގޮތަކަށް ސްޕެލިން ބޭނުން ކޮށްގެން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ދައްކައެވެ. އެހެންވެ، ޖުމްލަ 7،481 ކުއްޖަކަށް މުޙައްމަދުގެ ނަމުން ނަން ދީފައިވާ ކަމަށް ދައްކައެވެ.

ފިރިހެން ނަންތަކުގެ ތެރޭގައި އެހެނިހެން މަގުބޫލު ނަންތަކަކީ، އޮލިވަރ (3،492)، އާތަރ (3،368)، އަދި ލިއޯ (3،324) އެވެ. އަންހެން ކުދިންނަށް ކިޔާ އެންމެ މަގުބޫލު ނަމަކީ 2،761 އަންހެން ކުއްޖަކަށް ދީފައިވާ "އޮލީވިއާ" އެވެ.

2023 ވަނަ އަހަރުވެސް "މުހައްމަދު" ނަމަކީ އެންމެ މަގުބޫލު ނަމެވެ. އެ އަހަރު 6،262 ފިރިހެން ކުއްޖަކަށް މި ނަން ދީފައިވެއެވެ. އަދި 2،906 ކުއްޖަކަށް "އޮލީވިއާ" ނަން ދީފައިވެއެވެ.

2023 ވަނަ އަހަރު ފްރާންސްގައި ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލު އެއް ނަމަކީ "މުހައްމަދު" އެވެ. ފްރާންސްގެ ނޫސް "ލަ ފިގާރޯ" އިން ބުނާ ގޮތުގައި މި ނަމަކީ ގިނަ މުސްލިމް އާއިލާތަކުގައި އެންމެ ބޮޑު ދަރިފުޅަށް ދޭ ނަމެވެ.

ހިއްސާ ކުރައްވާ!