ރާމާމަކުނުގެ ހަމަލާއެއްގައި އިންޑިއާ މީހަކު މަރުވެއްޖެ

އިންޑިއާގެ ބިހާރު ސްޓޭޓްގެ އަވަށެއްގައި އުމުރުން 67 އަހަރުގެ މީހަކަށް ރާމާމަކުނުގެ ގްރޫޕަކުން ހަމަލާދީ މަރާލައިފިއެވެ. މި ހާދިސާއާ ގުޅިގެން އެ ހިސާބުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވެއެވެ. މި ހާދިސާ ހިނގާފައިވަނީ ހަކުރު އުފައްދާ ފެކްޓަރީއަކުން ރިޓަޔަރ ކޮށްފައިވާ ރާމަނާތު ޗައުދަރީ، އޭނާގެ ޖަނަވާރުތަކަށް ކާންދިނުމަށް ވިނަ އެއްކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާ މަސައްކަތުގައި އުޅެނިކޮށް، ވިއްސަކަށް ރާމާމަކުނު އައިސް އޭނާއަށް ހަމަލާދީ، ބިންމައްޗަށް ވައްޓާލުމަށްފަހު ގައިގައި ދަތްއަޅައި ވަކި އަލައި ހަދާފައި ވެއެވެ. އޭނާ އެވަގުތު އެހީއަށް އެދި ގޮވިނަމަވެސް ކައިރީ ހިސާބެއްގައި މީހަކު ނެތުމުން އެހީއެއް ލިބިފައެއް ނުވެއެވެ.

ރަށު މީހުންނަށް އޭނާ ފެނުނުއިރު އޮތީ ބޮޑެތި ޒަޚަމްތަކާއެކުގައެވެ. އަދި އަވަސް އަވަހަށް އޭނާ ހަސްފަތާލަށް  ގެންދިއުމުން ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައެވެ.

ފާއިތުވި މަސްތަކުގައި އެ ސަރަހައްދުގެ އަވަށްތަކަށް ރާމާމަކުނުގެ ގިނަ ހަމަލަތަކެއް އަމާޒު ވެފައި ވެއެވެ. ރާމާ މަކުނު ވަނީ ރައްޔިތުންނަށް ހަމަލާދީ ގޭގެއަށް ވަދެ ގެއްލުން ދީ ހަދާފައެވެ. މީގެ ކުރިން މީހުންނަށް ހަމަލަދީ އަނިޔާވެރި އަމަލުތައް ހިންގާފައެއް ނުވެއެވެ. އަދި މިއީ ރާމާ މަކުނުގެ ހަމަލައެއްގައި އެ ހިސާބުން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނާ ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް ޖަންގަލީ ބަލަހައްޓާ ޑިޕާޓްމަންޓުގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. އަދި ރާމާމަކުނުތައް ހިފައި، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރު ތަނަކަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި، އަދި ރައްޔިތުން މި ޖަނަވާރުތަކާ ކައިރި ނުވުމަށް އިރުޝާދު ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ހިއްސާ ކުރައްވާ!