އިނގިރޭސި އެމްބަސީ ވަގުތީގޮތުން ބަންދުކޮށްފި

މިސްރުގެ ވެރިރަށް ގާހިރާގެ ގާޑަން ސިޓީގައި ހުންނަ އިނގިރޭސި އެމްބަސީގެ ކުރިމަތީގައި ބަހައްޓާފައިވާ ސެކިއުރިޓީ ބެރިކޭޑްތައް މިސްރުގެ ފުލުހުން ނެގުމާ ގުޅިގެން، އިނގިރޭސި އެމްބަސީ ވަގުތީގޮތުން ބަންދުކުރަން ނިންމައިފިއެވެ. ނަމަވެސް އެމްބަސީގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފައިވެއެވެ.

މުސްރު ސަރުކާރުން މި ބެރިކޭޑްތައް ނަގާފައި ވަނީ ލަންޑަނުގައި ހުންނަ މިސްރުގެ އެމްބަސީ ކުރިމަތީގައި ބޭއްވި އިހުތިޖާޖަކާ ގުޅިގެން އިނގިރޭސި ސަރުކާރުން ޢަމަލުކުރި ގޮތާމެދު މިސްރުގެ ސަރުކާރުން ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހުއެވެ.

މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުލް އާތީ ވަނީ އިނގިރޭސި ސަރުކާރުގެ ޤައުމީ ސަލާމަތީ ލަފާދޭ ފަރާތް ޖޮނަތަން ޕަވެލްއާ ގުޅައި، މިސްރު އެމްބަސީ ކުރިމަތީގައި ހިނގައި ދިޔަ ކަންކަމުގެ އިތުރު މަޢުލޫމާތު ސާފު ކުރައްވާފައެވެ. އަދި "ވިއެނާ މުއާހަދާގެ ދަށުން މިސްރުގެ އެމްބަސީތަކަށް ރައްކާތެރިކަން ނުދޭ ޤައުމުތަކާމެދު މުއާމަލާތު ކުރާނީ އެގައުމުތަކުން މުއާމަލާތު ކުރާ ގޮތަށް" ކަމަށް ވެސް އަބްދުލް ޢާޠީ ވިދާޅުވިއެވެ.

އިނގިރޭސި ސަރުކާރުން މިހާރު ވަނީ ޤާހިރާގައި ހުންނަ އެމްބަސީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިސްރުގެ އިސް ފަރާތްތަކާއެކު މަޝްވަރާތައް ފަށާފައެވެ. އަދި މިސްރުގައި ތިބި އިނގިރޭސި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިން ނަންބަރުތަކެއް ވެސް ޤާއިމުކޮށްފައެވެ.

އިނގިރޭސި އެމްބަސީއާއި އެމެރިކާ އެމްބަސީގެ ވަށައިގެން ބަހައްޓާފައި ހުރި ސެކިއުރިޓީ ބެރިކޭޑްތަކަކީ އެ ސަރަހައްދުގެ ޓްރެފިކަށް ހުރަސްއެޅޭ އެއްޗެހި ކަމަށް މިސްރުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މީގެ ކުރިންވެސް 2013 އަދި 2014 ވަނަ އަހަރު ސަލާމަތީ ސަބަބުތަކާ ހުރެ އިނގިރޭސި އެމްބަސީ ވަގުތީގޮތުން ބަންދުކުރަން ޖެހުނެވެ.

ހިއްސާ ކުރައްވާ!