ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 80 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޗައިނާއިން ވަނީ ބެއިޖިންގެ ޓިއަނަމަން މައިދާނުގައި ބޮޑު އަސްކަރީ ޕެރޭޑެއް ބާއްވާފައެވެ. މި ޕެރޭޑުގައި ޗައިނާގެ އެންމެ ޒަމާނީ އަސްކަރީ ހަތިޔާރުތަކާއި އަސްކަރީ ދިފާއީ ނިޒާމުތައް ދައްކާލާފައި ވެއެވެ. ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން އާއެކު 20 ގައުމެއްގެ ލީޑަރުން މި ޕެރޭޑު ބެއްލެވުމަށް ވަޑައިގެންނެވިއެވެ.
މި ޕެރޭޑުގައި އެންމެ ފާހަގަކޮށްލެވުނު އެއް ހަތިޔާރަކީ ޑޮންގްފެންގް ޑީއެފް-5ސީ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެވެ. މި މިސައިލަކީ އެމްއައިއާރްވީ (މަލްޓިޕަލް އިންޑިޕެންޑެންޓްލީ ޓާގެޓަބަލް ރީ-އެންޓްރީ ވެހިކަލްސް) ޓެކްނޮލޮޖީ ބޭނުންކޮށްގެން ނިއުކްލިއަރ ހަތިޔާރު އުފުލޭ މިސައިލެކެވެ. މާނައަކީ މިއީ މިނިވަންކަމާއެކު އެތައް މިސައިލެއް ބޭނުންކޮށްގެން އޭގެ އަމާޒަށް ހަމަލަ ދިނުމަށް ގާބިލުކަން ލިބިފައިވާ އަދި ދުނިޔޭގެ ޖައްވަށް އެތައް ފަހަރެއްގެ މަތިން ވަދެ ނިކުމެވޭ ވަރުގެ ކުޅަދާނަކަން ލިބިގެންވާ އަޑަށްވުރެން އެތައް ގުނަ ބާރަށް ދަތުރުކުރާ އަދި ބައްރުތައް ހުރަސްކޮށް ހަމަލަ ދޭ ޒާތުގެ މިސައިލެކެވެ. މީގެ އިތުރުން ޑީއެފް-17 މިސައިލްވެސް ޗައިނާއިން ދައްކާލާފައިވެއެވެ. މިއީ ހައިޕަރސޮނިކް ގްލައިޑް ވެހިކަލްއެއް ބޭނުންކޮށްގެން އަޑަށް ވުރެން 7 ގުނަ ހަލުއި ދުވެލީގައި ދަތުރުކުރާނެ މިސައިލެކެވެ.
ޗައިނާގެ ވައިޖޭ ސިލްސިލާގެ އުޅަނދުތަކަށް ހަމަލަދޭ ހައިޕަރސޮނިކް އެންޓި-ޝިޕް މިސައިލްތަކުގެ ތެރެއިން ވައިޖޭ-21 ވެސް މިފަހަރު ވަނީ ދައްކާލާފައެވެ. މިއީ ދުނިޔޭގައި މިހާރު ލިބެން ހުރި އާންމު ވައިގެ ދިފާއީ ނިޒާމުތަކަށް ހުއްޓުވަން އުދަގޫ އަދި އަމިއްލައަށް ހަރަކާތްތައް ކޮންޓްރޯލު ކުރާ ބާވަތުގެ މިސައިލެކެވެ. މި މިސައިލްގެ ނިޒާމުތަކަކީ މިހާރުވެސް ޗައިނާގެ ހަނގުރާމަ މަތީ މަނަވަރުތަކުގައި ހަރުކުރެވިފައިވާ ނިޒާމުތަކެވެ.

ޗައިނާއިން ބޭއްވި ޕެރޭޑުގެ ވައިގެ ސިފައިންގެ ދައްކާލުމުގައި ޗައިނާގެ ފަސްވަނަ ޖެނެރޭޝަންގެ ރޭޑާއަށް ނާރާ ޒާތުގެ ސްޓެލްތް ޖެޓް ކަމުގައިވާ ޖޭ-20 އާއި މަނަވަރުގައި ބޭނުންކުރާ ޖޭ-35 އަދި އެފްއެޗް-97 "ލޯޔަލް ވިންގްމަން" ޑްރޯން ވެސް ވަނީ ދައްކާލާ ފައެވެ. މީގެ އިތުރުން ވައިގެ ތެރޭގައި ހަނގުރާމަ ވިލަރެސްކޮށްދޭ ކޭޖޭ-600 އެއަރބޯން އަރލީ ވޯނިންގ އެއަރކްރާފްޓްވެސް ވަނީ ދައްކާލާފައެވެ.

ޗައިނާއިން ވަނީ ކަނޑު އަޑީގައި ބޭނުންކުރާ އޭޖޭއެކްސް002 ޑްރޯންވެސް ތަޢާރަފުކޮށްފައެވެ. މިއީ 18 މީޓަރަށްވުރެ ދިގު، ރޭޑާއަށް ނާރާވައްތަރުގެ ޑްރޯނެކެވެ. އަދި މިޝަންތަކާއި މައިން އެޅުމަށް ބޭނުންކުރެވޭ ޑްރޯނެކެވެ. އަދި އެލްވައި-1 ލޭޒަރ ހަތިޔާރާއި ޖޭއެލް-1 އެއަރ ލޯންޗްޑް ނިއުކްލިއަރ މިސައިލްވެސް ވަނީ ދައްކާލާފައެވެ. މި ހުރިހާ ސިސްޓަމްތަކަކީވެސް ޗައިނާގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަކޮށް، ގިނަ ދާއިރާތަކެއްގައި ބާރު ދައްކާލުމަށް ބޭނުންކުރެވޭނެ ސިސްޓަމްތަކެކެވެ.







