ޖަރުމަނުވިލާތުގެ ވަޒީފާގެ ބާޒާރުގައި މުސްލިމުންނާ މެދު ތަފާތުކުރުން ގެންގުޅޭކަން ސާބިތުވެއްޖެ

ޖަރުމަނުވިލާތުގެ ސީގެން ޔުނިވަރސިޓީން ކުރި ފުޅާ ދާއިރާގެ ދިރާސާއަކުން ދައްކާގޮތުގައި، އެ ގައުމުގެ ވަޒީފާގެ ބާޒާރުގައި މުސްލިމުންނާ މެދު ނިޒާމީ ސިފައެއްގައި ތަފާތުކުރުން ގެންގުޅެއެވެ.

މި ދިރާސާގައި އެކި ދަރިފަސްކޮޅުތަކުގެ މީހުންގެ ނަންތައް ބޭނުންކޮށްގެން 50،000 އަށްވުރެ ގިނަ ވަޒީފާއަށް އެދޭ ފޯމު ހުށަހަޅައިގެން ދިރާސާ ކުރެވުނެވެ. ދިރާސާގެ ނަތީޖާތަކުން ދައްކާގޮތުގައި، ޖަރުމަނު ނަމެއް ކަމަށްވާ "ލޫކަސް ބެކަރ" ފަދަ ނަންތަކުން ހުށަހެޅި ކޮންމެ 100 ފޯމަކުން 67 ފޯމަށް އެދެވޭ ރައްދެއް ލިބުނެވެ. ނަމަވެސް އަރަބި ނަމެއް ކަމަށްވާ "ހަބީބާ މަހުމޫދު" ފަދަ ނަންތަކުން ހުށަހެޅި ފޯމުތަކަށް އެދެވޭ އިޖާބައެއް ލިބިފައެއް ނުވެއެވެ.

މި ދިރާސާގެ މައިގަނޑު ދެނެގަތުންތަކުގެ ތެރޭގައި، ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފަރާތްތަކުގެ ޤާބިލުކަމަށްވުރެ ބޮޑަށް އެ ފަރާތްތަކުގެ ނަމަށާއި ދަރިފަސްކޮޅާއި މަޤާމަށް ބަލާކަން ފާހަގަކުރެވެއެވެ. މިއީ ޖަރުމަނުވިލާތުގެ މަސައްކަތުގެ މާހައުލުގައި އިސްލާމޯފޯބިއާ އާއި ނަސްލީ ތަފާތުކުރުން އޮތް މިންވަރު ދައްކުވައިދޭ ކަމުގެ ހެއްކެކެވެ.

"މި ދިރާސާއިން ދައްކާގޮތުގައި ޖަރުމަނުވިލާތުގެ ވަޒީފާގެ ބާޒާރުގައި ހަމަހަމަކަން ގެއްލިފައިވާ މިންވަރު ކަންބޮޑުވާ މިންވަރަކަށް ފާހަގަކުރެވޭ،" މި ދިރާސާގެ އިސް ފަރާތްތަކުން ބުނެފައިވެއެވެ. މި ދިރާސާގެ ހޯދުންތަކާ ގުޅިގެން، ޖަރުމަނުވިލާތުގެ ވަޒީފާގެ ބާޒާރުގައި ހުރި މި ފަދަ ތަފާތުކުރުންތައް ނައްތާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަދަނީ ޖަމިއްޔާތަކުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ގޮވާލާފައިވެއެވެ.

މައިގްރޭޝަން ރިސާޗް ފައުންޑޭޝަންގެ އަލީ ޒަފަރު ސަގިރޮގްލޫ ވަނީ މި ހޯދުންތަކަށް “މިންކުރެވޭ ވަރަށް މުއައްސަސާގެ ފެންވަރުގައި ނަސްލީ ތަފާތުކުރުން ގެންގުޅެނީ" ކަމަށް ސިފަ ކުރައްވާފައެވެ. އަދި މުސްލިމް އަދި ޔޫރަޕް ނޫން ފަރާތްތައް އާންމުކޮށް ބަހައްޓަނީ “ވަކި ދަރަޖައެއްގައި” ކަމަށްވެސް މި ދިރާސާއިން ދޭވަހާ ކަމުަގއި އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ޖަރުމަންގެ ގާނޫނީ އިސްލާހުތައް ގެނައުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ޕްރައިމަރީ ސްކޫލުން ފެށިގެން ތަފާތުކުރުމާ ދެކޮޅަށް ޖީލެއް ހޭލުންތެރި ކުރުމަށްވެސް ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!