ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 13 އަހަރަށް ދަށްކޮށްފި

ސުއިޑެންގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބައިވެރިވުމާއި އެމީހުން ކުށަށް އަރައި ގަންނަ މިންވަރު އާންމުވުމާ ގުޅިގެން ސަރުކާރުން ބުދަ ދުވަހު ވަނީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުން 13 އަހަރަށް ތިރިކުރުމަށް ނިންމައިފައެވެ. މިއީ ކުށްކުރާ ގްރޫޕްތަކުން ކުޑަކުދިން ބޭނުންކުރަމުންދާ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން އަޅާ މުހިންމު ފިޔަވަޅެކެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ ބާޒާރު ކޮންޓްރޯލް ކުރުމަށް ގޭންގްތަކާއި ގްރޫޕްތަކުން ހިންގާ ކުށްތައް އިތުރުވަމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިކަން ހުއްޓުވުމަށް ސުއިޑެންގެ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންގޮސްފައެވެ.

ސަރުކާރުގެ ކޯލިޝަނާއި ސުއިޑެން ޑިމޮކްރެޓްސް ޕާޓީން "އެކްސްޕްރެސެން" ނޫހުގައި ޝާއިޢުކުރި މަޒުމޫނެއްގައި ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 15 އަހަރުން ދަށުގެ ކުދިން ހިންގާ ކުށްތައް ވަނީ ސުއިޑްންގައި ދެގުނަ އިތުރުވެފައެވެ. އަދި މީހުން މެރުމުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ކުދިންގެ އުމުރު ވެސް ވަނީ ދަށަށް ގޮސްފައެވެ.

އެޕްތައް މެދުވެރިކޮށް ޒުވާނުން ލައްވާ ފައިސާގެ މުގާބިލުގައި ކުށްކުރުވަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ކުށްކުރުވާ މީހުންނަށް އެޕްމެދުވެރިކޮށް އެމީހުންގެ ޝަޚުސިއްޔަތު ފޮރުވުމަށް ފުރުސަތު ލިބެއެވެ. އަދި ކުޑަކުދިންނަށް ދިގު މުއްދަތުގެ ޖަލު ޙުކުމްތައް ނުކުރެވޭތީ، އެފަދަ ފާރްތަތކުން މިކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދެއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މީހުން މެރުމާއި، ގޮވާ ތަކެތި ބޭނުންކޮށްގެން ހިންގާ ޖަރީމާތައް ފަދަ ނުރައްކާތެރި ކުށްތަކުގައި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 13 އަހަރަށް ތިރިކުރުމަކީ މުހިންމު ކަމެކެވެ. ގާނޫނަށް މި ބަދަލު ގެންނަނީ 5 އަހަރުގެ މުއްދަތަށެވެ. 2022 ވަނަ އަހަރު ވެރިކަމަށް އައި ކަނާތުފިޔައިގެ ސަރުކާރުން ވަނީ ޖިނާއީ ކުށްތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ވަޢުދުވެފައެވެ.

ހިއްސާ ކުރައްވާ!