ޗައިނާއިން ސެންކަކޫ ޖަޒީރާތަކާ ކައިރި ސަރަޙައްދުގައި ކުރިއަށްގެންދާ ހަރަކާތްތައް އިތުރުވެ، އިރުމަތީ ޗައިނާ ކަނޑުގައި ޗައިނާގެ ކަނޑުގެ ބާރުގެ ހަރަކާތްތައް އިތުރުވަމުންދާތީ ޖަޕާނާއި ޗައިނާގެ ދެމެދުގައި އަސްކަރީ ގޮތުން ހަމަނުޖެހުން އިތުރުވެއްޖެއެވެ.
ޖަޕާނުގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަހުގެ ކުރީކޮޅު ޗައިނާގެ ފަސް އުޅަނދަކުން ވަނީ ޖަޕާން ކަނޑުގެ ސަރަޙައްދަށް ވަދެފައެވެ. މީގެ ތެރޭގައި ޑޮންގްޑިއާއޯ ގިންތީގެ ޖާސޫ ހަރަކާތުގައި އުޅޭ އިލެކްޓްރޯނިކް ރިކޮނެސަންސް އުޅަނދެއްވެސް ހިމެނެއެވެ. މި ހަރަކާތްތައް ހިންގާފައިވަނީ ޗައިނާއިން ރަޝިއާއާއެކު އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދާނެކަން އިއުލާނުކުރި ދުވަސްވަރެއްގައެވެ.
ޖަޕާނު ސަރުކާރުން ވަނީ ޗައިނާގެ އެމްބަސީއަށް ރަސްމީކޮށް އިހުތިޖާޖެއް ހުށަހަޅައިފައެވެ. އަދި ކަނޑުގެ ސަރަޙައްދުގެ ބޯޑަރުތަކާ މެދު އެއްބަސްނުވާ ސަރަހައްދުގައި މިފަދަ ހަރަކާތްތައް ހިންގުމަކީ "ވަރަށް ހިތާމަހުރި" ކަމެއްކަމުގައި ބުނެފައިވެއެވެ. ޖަޕާނުގެ ދިފާއީ ވުޒާރާއިން އެކުލަވާލާ އަހަރީ ނުރައްކަލުގެ އެސެސްމަންޓްގައި ބަޔާންކޮށްފައިވާ ގޮތުން "ޗައިނާގެ އިތުރުވަމުންދާ އަސްކަރީ ހަރަކާތްތަކަކީ ޖަޕާނުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެކެވެ."
ޑިއާއޯޔޫ ޖަޒީރާތައް ކަމުގައި ޗައިނާއިން ނަންދީފައިވާ މި ސަރަޙައްދުގައި ތެލާއި ގޭސް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދަނީ "ޗައިނާގެ އިޚްތިޞާޞްގެ ދަށުގައިވާ، ދެބަސްވުމެއް ނެތް ސަރަޙައްދެއްގައި" ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން ގުއޯ ޖިއަކުން ވިދާޅުވެފައިވެއެވެ.
ޖަޕާނުގެ ކުރީގެ ސިފައިންގެ އިސް ވެރިޔާ ކިޔޯފުމި އިވަޓާ ވިދާޅުވި ގޮތުގައި ޗައިނާގެ އެންމެ ބޮޑު އެއަރކްރާފްޓް ކެރިއަރ ފުޖިއާން، ޖަޕާންގެ ސެންކަކޫ ޖަޒީރާތަކާ 200 ކިލޯމީޓަރު ދުރުން ފެނިފައިވުމަކީ ކަންބޮޑުވާންޖެހޭ އަދި ސަލާމަތަށް ނުރައްވާ ކަމެއް ކަމަށް ބަލަން ޖެހޭ ކަމެކެވެ. އަދި ޗައިނާ އިން އަޕްގްރޭޑް ކޮށްފައިވާ އަސްކަރީ އާލާތްތަކާއި، ބިމުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ތަމްރީނުތަކަށް ބަލާއިރު، އެއީ ލޭންޑިންގ އޮޕަރޭޝަނަކަށް ތައްޔާރުވުމުގެ ފުރުޞަތު އޮތް ކަމެއް ކަމަށްވެސް އޭނާ ސިފަ ކުރައްވައެވެ.






