ޗައިނާގެ ޤައުމީ ދުވަހާ ދިމާކޮށް ނެރެފައިވާ "މި ޙުކުމް 'ޤާނޫނީ' ވާނީ ކިހިނެއް؟" މި ނަމުގައި އެމްނެސްޓީ އިންޓަރނޭޝަނަލް އިން ނެރެފައިވާ ރިޕޯޓުގައި، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ނެރެފައިވާ މައްސަލަތަކަށް އަލި އަޅިވާފައި ވެއެވެ. އެގޮތުން ޗައިނާގައި ކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި ވަކާލާތު ކުރާ 64 ވަކީލުންނާ ގުޅުންހުރި 68 މައްސަލައެއް ދިރާސާކޮށްފައިވެއެވެ. އެމްނެސްޓީގެ ހޯދުންތަކުން ދައްކާގޮތުގައި "ދައުލަތުގެ ބާރު ކަނޑުވާލުން"، "ދައުލަތުގެ ބާރު ނަގާލުމަށް ހިތްވަރުދިނުން" އަދި "މައްސަލަ އުފެއްދުމާއި ފިތުނަ އުފެއްދުން" ފަދަ ނަންނަމުގައި ކޮށްފައިވާ ދަޢުވާތަކުގެ މައްޗަށް ބިނާކޮށް ކުށްވެރިކުރުމުގެ ވަކި ތަތްގަނޑެއް ފެންނަން އޮތް ކަމަށް އެމްނެސްޓީން ބުނެފައި ވެއެވެ.
ޗައިނާގެ ކޯޓުތައް ސިޔާސަ ވެފައިވާ ކަމަށާއި އަދި ސިޔާސީ ވަސީލަތަކަށް ބަދަލުވަމުންދާކަމަށް ވެސް އެމްނެސްޓީ އިންޓަނޭޝަނަލްގެ އެ ރިޕޯޓެއްގައި ފާހަގަކޮށްފައި ވެއެވެ. މި ރިޕޯޓުގައި ޤައުމީ ސަލާމަތުގެ ނަމުގައި އިދިކޮޅު އަޑުތައް ހިންދާ ލުމަށް ޝަރުޢީ ދާއިރާގެ ދައުރު ހާމަކޮށްދީފައިވެއެވެ.
1 އޮކްޓޫބަރުގައި ނެރެފައިވާ ރިޕޯޓުގައި ބުނެފައި ވަނީ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމުގައި ފުޅާކޮށް މާނަކުރެވޭ ޤައުމީ ސަލާމަތީ ޤާނޫނުތަކަށް ބަރޯސާވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. އޭގެ އިތުރުން ކޯޓުތަކުން ބްލޮގް ޕޯސްޓްތަކާއި، ސޯޝަލް މީޑިއާގެ ޙަރަކާތްތަކާއި، ބޭރުގެ މީޑިއާއަށް ދީފައިވާ އިންޓަވިއުތައް ވަނީ "ދައުލަތުގެ ބާރު ކުޑަ ކުރުމުގެ މަސައްކަތުގެ" ހެއްކެއްގެ ގޮތުގައި ބޭނުންކޮށްފައި ވާކަމަށްވެސް ބުނެފައި ވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ޗައިނާގެ ޑިރެކްޓަރު ސާރާ ބްރޫކްސް ވިދާޅުވީ، "ޗައިނާގެ ވެރިން ޤާނޫނީ އިޞްލާޙާއި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ ވާހަކަ ދައްކާއިރު، ޙަޤީޤަތަކީ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރަކަށް ބޭނުން ކޮށްފައިވާ ޝަރުޢީ ނިޒާމެވެ. ޚިޔާލު ފާޅުކޮށް އަޑުއުފުލުމާއި އަމާން އެއްވުންތައް ބޭއްވުން ދައުލަތަށް ކުރިމަތިވާ ނުރައްކަލެއްގެ ގޮތުގައި ދެކެފައި ވެއެވެ."
މި ރިޕޯޓުގައި އެމްނެސްޓީ އިންޓަނޭޝަނަލްއިން ގޮވާލަނީ އާންމު މާނަކުރުންތައް ހިމެނޭ ޖިނާއީ މާއްދާތައް އުވާލުމަށާއި، ހަމައެކަނި އިބާރާތްކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ބޭނުންކުރުމުގެ ސަބަބުން ޖަލަށްލާފައިވާ އެންމެހާ ފަރާތްތައް ދޫކޮށްލުމަށެވެ.






