ޗައިނާއިން ވަނީ ނާދިރު މައުދަންތައް ހޯދުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި، މާސިންގާ ސިޓީއެއްގެ ސައިޒަށްވުރެ 5 ގުނަ ބޮޑު، އިލެކްޓްރޯމެގްނެޓިކް ޓްރާންސްމިޓަރެއް ޤާއިމްކޮށްފައެވެ. މި 500 ކިލޯވޮޓްގެ ސިސްޓަމަކީ ކުރިން ސަބްމެރިން މުވާސަލާތަށް ބޭނުންކުރި ނިޒާމެކެވެ. ނަމަވެސް، މިހާރު މިއީ ލިތިއަމް، ކޮބަލްޓް އަދި ނާދިރު މައުދަންތައް ހޯދުމުގެ މަސައްކަތުގެ އިސްކޮށް ހަރަކާތްތެރިވާ މައި މަރުކަޒެވެ.
ޗައިނާގެ ވަޔަރލެސް އިލެކްޓްރޯމެގްނެޓިކް މެތަޑް (ޑަބްލިއުއީއެމް) ޕްރޮޖެކްޓްގެ ދަށުން، 500 އާއި 2000 މީޓަރާ ދެމެދުގެ ފުންމިނުގައި ފޮރުވިފައި ހުންނަ މައުދަންތައް ދެނެގަނެވެއެވެ. ޓިބެޓްގެ ޖިއާމާ ނަޙާސް މައިންގައި 3000 މީޓަރުގެ ފުނަށް ސާވޭކޮށްފައި ވެއެވެ. އަދި ކުރިން އެނގފައި ނުވާފަދަ މައުދަންތައް ވެސް މި ވަސީލަތް ބޭނުންކޮށްގެން އެތަނުން ހޯދިފައި ވެއެވެ. ނަމަވެސް މި ޓެކްނޮލޮޖީގެ ސަބަބުން ތިމާވެށްޓަށައި ދިރިހުރި ފުރާނަތަކަށް ލިބޭ ގެއްލުން އިތުރުވަމުންދާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ޗައިނާގެ މައުދަން ހޯދުމުގެ މަސައްކަތް ހިންގަނީ ޗައިނާ ސަރުކާރުގެ ބެލުމުގެ ދަށުން، ޗައިނާ ޖިއޮލޮޖިކަލް ސާރވޭ އާއި ސީއާރްއައިއެމްއެމް ފަދަ މުއައްސަސާތަކުގެ ބެލުމުގެ ދަށުންނެވެ. މިހާރު ޗައިނާއިން ވަނީ ކަނޑުއަޑީގެ މައުދަން ހޯދުމުގެ މަސައްކަތަށްވެސް ހުއްދަ ހޯދާފައެވެ.
ދުނިޔޭގެ ޓްކްނޮލޮޖީގައި ބޭނުން ކުރާ އެންމެ ނާދިރު އާރތު އެލެމެންޓްތަކުގެ 90 އިންސައްތައަށްވުރެ ގިނަ ބައި ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ. މިކަމުގެ ސަބަބުން އިންޑިއާ އަދި އެމެރިކާ ފަދަ ޤައުމުތަކުން ވެސް ދަނީ އެފަދަ އެހެން ވަސީލަތްތައް ހޯދަން މަސައްކަތްކުރަމުންނެވެ. ނަމަވެސް ޗައިނާއާ އެއްހަމައަކަށް އައުމަށް އެގައުމުތަކަށް އެތައް އަހަރެއް ނަގާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.






