ނެދަލެންޑްސްގެ ނުވަ މިސްކިތަކަށް ހަމަލަ ދޭނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ. މި މިސްކިތްތަކަށް ފޮނުވާފައިޥާ އިންޒާރުގެ ނޯޓާއެކު ލޭ ކަމަށް ބެލެވޭ އެއްޗެއް ވެސް ހިމަނާފައި ވެއެވެ. މި ކަމާ ގުޅިގެން ނެދަރލެންޑްސްގެ މުސްލިމުންގެ މެދުގައި ބިރު ވެރިކަން އުފެދިފައި ވެއެވެ.
ޓެރަރިސްޓުން ހަމަލަތައް އަމާޒު ކުރަން ބިރު ދައްކާ މިސްކިތްތައް ހުންނަނީ ރޮޓަޑަމް، އައިންޑްހޯވެން، އާންހެމް، ޓިލްބާގް، އަދި ދަ ހޭގްގައި ކަމަށް ޑަޗް ޑެއިލީ އޭޑީ އިން ބުނެއެވެ.
މިތަންތަނަށް ފޮނުވާފައިވާ ސިޓީތަކުގައި ހިމެނެނީ ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް ބަދު ބަސްތައް ރައްދުކޮށް ފުރައްސާރަތަކާއި ކާޓޫންތައް ކުރަހާފައިވާ ލިޔުންތަކެވެ.
ނެދަރލެންޑްސްގެ ގައުމީ މިސްކިތްތަކުގެ ޖަމިއްޔާ ކޭ9 ގެ ޖޯހާމް ވެން ކްލަވަރެން ވިދާޅުވީ މި ސިޓީތަކަކީ ނަފްރަތުގެ ވާހަކަތަކުން ފުރިފައިވާ ސިޓީތަކެއް ކަމަށެވެ. އަދި ރޮޓަރޑަމްގައި މިސްކިތަކަށް ފޮނުވި އެއް ސިޓީގައި ބނެފައި ވަނީ މިއީ ޔޫރަޕްގައި އިސްލާމްދީނުގެ އެންމެ ފަހު ދުވަސްތައް ކަމަށެވެ.
ވެން ކްލަވަރެން ވިދާޅުވީ މި ހާދިސާގެ ސަބަބުން ކުރިން މުސްލިމުންގެ ޚިޔާލަށް އައިސްފައި ވަނީ ކުރިން މުސްލިމުންނަށް ދިން އަނިޔާވެރި ހަމަލާތަކުގެ ވޭންދެނިވި ހަނދާންތަކެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު ނިއުޒީލެންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާގައި 51 މީހުން މަރުވެފައިވާ ހާދިސާ ހިމެނެއެވެ.





