ކުވެއިތު އަނެއްކާވެސް މުއްސަނދި ގައުމަކަށް

ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ދަށުން ހިނގަމުންދާ ކުވެއިތު އޮއިލް ކުންފުނިން ކުވެއިތުގެ ކަނޑުގެ ސަރަހައްދުން އައު ގޭސް ދަނޑެއް ހޯދައިފިއެވެ. މި ދަނޑަކީ "ޖަޒާ މެރިޓައިމް ނެޗުރަލް ގޭސް ފީލްޑް" އެވެ. މިއީ ކުވެއިތުގެ ތާރީޚުގައި ގޭސް އެންމެ ގިނައިން ފެނުނު ފަހަރެވެ.

މި ގޭސް ދަނޑު ހޯދުމަކީ ކުރިން ޖުލައި 2024 ގައި ހޯދާފައިވާ ނޫޚަދާ ފީލްޑް އަދި ޖަނަވަރީ 2025 ގައި ހޯދާފައިވާ ޖުލައިޢާ ފީލްޑް ފަދަ ކާމިޔާބު ހޯދުންތަކުގެ ސިލްސިލާގެ ތެރެއިން އައު ހޯދުމެކެވެ. ފުރަތަމަ ޓެސްޓުތަކުން ދައްކާގޮތުން، ޖަޒާ-1 ގެ ވަޅުން ދުވާލަކު 29 މިލިއަން ކިއުބިކް ފޫޓަށްވުރެ ގިނަ ގޭސް އަދި 5،000 ފީފާއަށްވުރެ ގިނަ ކޮންޑެންސޭޓް އުފެއްދޭނެއެވެ.

މި ދަނޑުގެ އަންދާޒާ ބޮޑުމިނަކީ 40 އަކަ ކިލޯމީޓަރެވެ. އަދި މީގައި 1 ޓްރިލިއަން ކިއުބިކް ފޫޓުގެ ގޭހާއި އަދި 120 މިލިއަން ފީފާގެ ކޮންޑެންސޭޓް (ގާތްގަނޑަކަށް 350 މިލިއަން ފީފާ ތެލާ އެއްވަރު) ހުރިކަމަށް ލަފާކުރެވެއެވެ. މި ދަނޑުގައި ކާބަން ޑައިއޮކްސައިޑް މަދުވުމާއި، ހައިޑްރޮޖަން ސަލްފައިޑް އަދި ފެން ނެތުމަކީ ތިމާވެށްޓާއި ޓެކްނިކަލް ގޮތުން މުހިންމު ކަމެކެވެ.

ކުވެއިތުގެ ތެލުގެ ވަޒީރު އަދި ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ޗެއަރމަން، ޠާރިޤު ސުލައިމާން އައްރޫމީ ވިދާޅުވީ މިއީ 2040 ގެ ވިޝަންގެ ދަށުން ޤައުމީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުން އިޤްތިޞާދީ ކުރިއެރުމާއި ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!