އަބޫދާބީން ވަނީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ކައިވެނި ކުރެވޭގޮތަށް ވިޔަފާރިއެއް ފަށާފައެވެ. އަބޫދާބީ ސަރުކާރުގެ ސަރުކާރުގެ ތަމް އެޕް މެދުވެރިކޮށް އޮންލައިންކޮށް ކައިވެނިކުރެވޭނެ އައު ޚިދުމަތެއް ތަޢާރަފުކޮށްފައެވެ. ގިޓެކްސް ޓެކްނޮލޮޖީ މައުރަޒުގައި ހާމަކުރެވުނު މި ޚިދުމަތަކީ ޑިޖިޓަލް މަދަނީ ޚިދުމަތްތަކުގެ ދާއިރާގައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައި ވެއެވެ.
މ،ިއީ އަބޫދާބީ ސަރުކާރުގެ 1100 ޚިދުމަތެއް އެޕް މެދުވެރިކޮށް ފޯރުވައި ދިނުމަަށް ކޯށްފައިވާ މަސައްކަތެކެވެ.
800 ދިރުހަމް (ގާތްގަނޑަކަށް 218 އެމެރިކާ ޑޮލަރު) ގެ ފީއަކަށް، ކައިވެނީގެ ލިޔެކިޔުންތައް ފުރިހަމަ ކުރެވެއެވެ. އަދި ޑޮކިއުމަންޓްތައް އަޕްލޯޑްކުރުމާއި، މައުޒޫނަކު ހަމަޖެއްސުމާއި، އަދި ކައިވެނީގެ މަޖިލިސް ވަރޗުއަލްކޮށް ބޭއްވުމުގެ ފުރުސަތު 24 ގަޑިއިރުގެ ތެރޭގައި ލިބިގެންދާނެއެވެ. މި ޚިދުމަތް އެމިރޭޓްސްގެ ރައްޔިތުންނާއި، ޔޫއޭއީގައި އުޅޭ ބިދޭސިންނާއި އަދި ބޭރު މީހުންނަށްވެސް ލިބޭނެއެވެ. ނަމަވެސް ބޭރު މީހުން މިގޮތަށް ކައިވެނި ކުރާނަމަ ޔޫއޭއީގައި ޤާނޫނީ ވަކީލެއް އައްޔަންކުރަން ޖެހޭނެއެވެ.
ތަމް އެޕްލިކޭޝަންގެ އިސްވެރިޔާ މުޙައްމަދު އަލްއަސްކަރު ވިދާޅުވި ގޮތުގައި މި ޚިދުމަތަކީ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ޚިދުމަތެކެވެ. އަބޫދާބީގައި ކައިވެނިކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް، އެމީހެއްގެ ޤައުމަކަށް ބެލުމެއްނެތި މި ޚިދުމަތް ލިބޭނެއެވެ. މި ޚިދުމަތަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ކުރެވުނު ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ތަޢާރަފުކުރެވުނު ޚިދުމަތެއް ކަމަށް ވިދާޅުވެއވެ. އަދި ޔުކްރެއިންގެ ހަނގުރާމައިގެ ދުވަސްވަރު ތަޢާރަފުކުރި ދުރުން ކައިވެނިކުރުމުގެ ޚިދުމަތާ އެއްގޮތް ޚިދުމަތެއް ކަމަށްވެސް އޭނާ ސިފަ ކުރައްވައެވެ.







