ނަސާރާއިންގެ އެންމެ މައި ފައްޅިކަމަށްވާ ވެޓިކަން ސިޓީގެ ފައްޅީގައި ނަމާދުކުރާ ކޮޓަރިއެއް ހުޅުވައިފިއެވެ. ވެޓިކަން ސިޓީގައި ހުންނަ ވެޓިކަން ލައިބްރަރީގައި ދިރާސާ ކުރުމުގެ މަސައްކަތުގައި އުޅޭ މުސްލިމް ޢިލްމުވެރިންނަށް ނަމާދުކުރުމަށް ޚާއްޞަ ކޮޓަރިއެއް ހުޅުވާފިއެވެ. މިއީ ކެތޮލިކް ދީނުގެ މައި މަރުކަޒުން މުސްލިމުންގެ ސަޕޯޓުގައި ކޮށްފައިވާ ކަމެއް ކަމަށް ބުނެއެވެ. މި ކޮޓަރީގައި ނަމާދު ކުރުމަށްޓަސކައި މުސައްލަތައްވެސް ބަހައްޓާފައި ވެއެވެ.
މި ނަމާދު ކޮޓަރި ހުންނަ ވެޓިކަންގެ ލައިބްރަރީއަކީ 1475 ވަނަ އަހަރު އުފައްދާފައިވާ ދުނިޔޭގެ އެންމެ މުހިންމު ދީނީ އަދި ތާރީޚީ ލިޔެކިޔުންތައް ރައްކާކުރެވިފައިވާ ކުތުބުޚާނާ އެވެ. މި ކުތުބުޚާނާގައި ޢަރަބި ބަހުގެ ފޮތްތަކާއި އިސްލާމް ދީނުގެ ގަދީމީ ދެލިކޮޕީތަކާއި ޔަހޫދީންގެ ދީނީ ފޮތްތަކާއި، އަދި އީތިއޯޕިއާއިން ހޯދާފައިވާ އެންމެ ޒަމާންވީ ނަސާރާއިންގެ ލިޔުންތަކައި ޗައިނާގެ ގަދީމީ ލިޔުންތައް ހިމެނެއެވެ. އަދި ޖަޕާނުން ބޭރުގައި ހުރި ޖަޕާނާ ބެހޭ އެންމެ ބޮޑު އަރުޝީފަކީ މިއީ ކަމަށްވެސް ބުނެއެވެ.







