ޔޫރަޕިއަން ޔޫނިއަންގެ ކައުންސިލުން އިންޑިއާއާއެކު އައު ސްޓްރެޓެޖިކް އެޖެންޑާއެއް ފާސްކޮށްފިއެވެ. މި އެޖެންޑާގައި ފުދުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްގިއާއި ޓެކްނޮލޮޖީ، އަދި ސަލާމަތީ ކަންކަމާއި، ގްލޯބަލް ގަވަރނަންސްގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ.
މި އެޖެންޑާގެ މުހިންމު ބައިތަކުގެ ތެރޭގައި ސަލާމަތާއި ދިފާއީ ބައިވެރިވުމެއް ގާއިމުކުރުމަށްވެސް ނިންމާފައި ވެއެވެ. މިއީ ދުނިޔޭގެ ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެއްބާރުލުން ދިނުމަށާއި ވިޔަފާރީގެ މިނިވަން އެއްބަސްވުމެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އަދި ޑިމޮކްރެޓިކް އަގުތަކާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށްވެސް މި ސްޓްރެޓެޖިކް އެޖެންޑާގައި ދެފަރާތުން އެއްބަސްވެފައިވެއެވެ.
މި ކަން އިއުލާން ކުރައްވާފައި ވަނީ އިންޑިއާގައި ހުންނަވާ އީޔޫގެ ސަފީރު ހާވޭ ޑެލްފިން އެވެ. އަދި ކުރިއަށް ރާވާފައި އޮތް އީޔޫ-އިންޑިއާ ސަމިޓުގައި މި ކަމާ ގުޅޭ އިތުރު ޕްލޭންތައް އެކުލަވާލެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިންޑިއާ އީޔޫ ސްޓްރެޓެޖީގެ އެޖެންޑާއަކީ ދެ ފަރާތުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދުނިޔޭގެ އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް އީޔޫން ބުނެއެވެ.







