އޮންރުވާއިން ޣައްޒާއަށް އެހީ ދިނުމުގައި ތަފާތު ކޮށްފައިޥާ ކަމަށާއި އަދި އޮންރުވާގައި މަސައްކަތް ކުރާ މީހުންނަކީ ހަމާސް ނުވަތަ އެފަދަ އެހެން ޖަމާއަތެއްގައި މަސައްކަތް ކުރާ ބައެއް ކަމަށް އިސްރާއީލަށް ސާބިތުކޮށްދެވިފައި ނުވާކަމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ބުނެފިއެވެ. ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ބުނެފައި ވަނީ، އިސްރާއީލުން ދައްކާފައިވާ ވާހަކަތައް ސާބިތުކޮށް ދޭން ހެކި ދެއްކިފައި ނުވާ ކަމަށެވެ.
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން އެ ކޯޓުން ދިން އިސްތިޝާރީ ލަފާގައި ކޯޓުގެ ރައީސް ޔޫޖީ އިވާސާވާ ވިދާޅުވީ، އޮންރުވާގެ މަސައްކަތަށް ހުރަސް ނޭޅުމަށާއި ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ފަސޭހަކޮށްދިނުމަށް އިސްތިއުމާރީ ބާރުގެ ހައިސިއްޔަތުން އިސްރާއީލުގެ މައްޗަށް ލާޒިމުވާ ކަމަށާއި، އަދި ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުން ބަނޑަށް ޖެއްސުން ޣައްޒާގައި ބޭނުންނުކުރުމަށް ވެސް އެ ކޯޓުން ވަނީ އިސްރާއީލަށް އަންގާފައެވެ.
އިސްރާއީލަށް ޖެހޭނީ ހިފާފައިވާ ފަލަސްޠީނުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަސޭހަ ކޮށްދިނުން ކަމަށް ބުނަމުން އެކޯޓުގެ އިސްތިޝާރީ ލަފާގައި ބުނެފައި ވަނީ އަސާސީ ސާމާނު ޣައްޒާއަށް ލިބޭކަން ކަށަވަރު ކުރުމަކީ އިސްތިއުމާރީ ބާރުގެ ހައިސިއްޔަތުން ޔަހޫދީ ދައުލަތަށް ލާޒިމު ވެގެންވާ ކަމެއް ކަމަށެވެ.
އައިސީޖޭ އިން މި ލަފާ އިއްވާފައި ވަނީ ހުރިހައި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި ހިފާފައިވާ ފަލަސްޠީނުގެ ސަރަޙައްދުގައީ އިސްރާއީލުގެ ޤާނޫނުތައް ތަންފީޒުކުރުމުން ދުރުހެލިވާން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގެ މި ނިންމުމަށް ވާހަކަ ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެފައި ވަނީ، "މިއީ މުހިންމު ނިންމުމެއް. އަދި މި ނިންމުމަށް އިސްރާއީލުން ޢަމަލުކުރާނެ ކަމަށް އުންމީދުކުރަން" ކަމަށެވެ.




