ހުޅަނގު އައްސޭރިއާއި ފަލަސްޠީނުގެ ވެރިރަށް ޤުދުސްގެ ބިން ހިފުމަށް ޔަހޫދީން ފާސްކުރި ބިލު ކުށްވެރިކޮށްފި

ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައިވާ ޔަހޫދީ ބަސްތީ ގުޅުވުމަށް ޔަހޫދީންގެ ގާނުނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ބިލުތަކަށް ފަލަސްތީނުގެ ޚާރިޖީ ވުޒާރައާއި ހަމާސް ޖަމާއަތުގެ އިތުރުން، ޢަރަބި އަދި މުސްލިމް ޤައުމަކުންވަނީ، ފާދު ކިޔައި އެކަން ކުށްވެރިކޮށްފައެވެ. އެފަރާތްތަކުން ބުނެފައިވަނީ މިފަދަ ފިޔަވަޅުތަކަކީ ފަލަސްތީނު ވުޖޫދުން ފޮހެލުމަށް ކުރިއަށް ގެންދާ ކަމއެއް ކަމަށާއި މިއީ ދެ ދައުލަތުގެ އުޞޫލު ނައްތާލުމަށް އިސްރާއީލުން މަގުފަހި ކުރާ ކަމެއް ކަމަށެވެ. 

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ކެނެސެޓުން މި ބިލުތައް ފާސްކުރުމަކީ ޔަހޫދީންގެ އިސްތިޢުމާރީ ސިފަ ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި އިސްރާއީލުން އަންނަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ސެޓްލްމަންޓްތަކަށް ޤާނޫނީ ހައިސިއްޔަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުން ކަމަށް ހަމާސްއިން ބުނެއެވެ. ހުޅަނގު އައްސޭރީގެ ބިންތައް ހިފައި އިސްރާއީލާ ގުޅުވުމަށް ކުރާ މަސައްކަތަކީ ބާޠިލް އަދި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމެއް ކަމަށާއި، ތާރީޚީ ގޮތުންނާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، 2024 ވަނަ އަހަރު ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓު އައިސީޖޭއިން ނެރުނު އިސްތިޝާރީ ލަފައަށް ބާލާއިރުވެސް އެތަންތަނަކީ ފަލަސްތީނުގެ ބިންކަން ސާބިތުވާކަމަށް ހަމާސްއިން ބުނެއެވެ. މިބާޠިލު ޤާނޫނުތަކުގެ އެންމެހާ ނަތީޖާއެއްގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލުން ކަމަށްވެސް އެ ޖަމާއަތުން ބުނެއެވެ.

ފަލަސްތީނުގެ ޚާރިއްޖިއްޔާއިން ބުނެފައި ވަނީ، އިސްރާއީލުގެ ކެނެސެޓުން މި ބިލުތައް ފާސްކުރުމަކީ ފަލަސްޠީނުގެ ބިުންތައް ހިފުމަށް ކުރާ މަސައްކަތެއް ކަމަށާއި މިކަންކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ބަޔާންގައި އިތުރަށް ބުނެފައިވަނީ، ހުޅަނގު އައްސޭރިއާއި ޤުދުސް އަދި ޢައްޒާ އާއެކު ހިފާފައިވާ ފަލަސްތީނުގެ ބިމަކީ ޖިއޮގްރަފީގޮތުން އެއް ތަނެއް ކަމަށާއި، އެ ބިމަށް އިސްރާއީލުގެ ސިޔާދަތެއް ނުހިނގާނެ ކަމަށެވެ. ފަލަސްތީނުގެ ޚާރިއްޖިއްޔާއިން ވަނީ އިސްރާއީލުގެ މިފަދަ މަސައްކަތްތަކަކީ ބާޠިލު، ޤަބޫލުނުކުރެވޭ، އަދި ދެކޮޅު ހަދަން ޖެހޭ ކަންކަން ކަމަށް ބުނެ، މިކަމާ ދެކޮޅަށް ޤާނޫނީ، ސިޔާސީ، އަދި ޑިޕްލޮމެޓިކް ހުރިހާ ވަޞީލަތެއް ބޭނުންކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ޖޯޑަންގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، މި ބިލުތައް ފާސްކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އިސްރާއީލުން ޚިލާފުވާކަމުގެ ސާފު ނިޝާނެއް ކަމަށެވެ. އަދި ދެ ދައުލަތުގެ އުޞޫލު ނައްތާލުމަށް މަގުފަހިވާ ނުރައްކާތެރި އަމަލެއް ކަމަށެވެ. ޖޯޑަންގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އިސްރާއީލުގެ މި އަމަލަކީ 1967 ވަނަ އަހަރުގެ ބޯޑަރުގެ ސަރަހައްދާއެކު ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ހިމެނޭ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ބަދަލު ނުކުރެވޭ ޙައްޤު ނިގުޅައިގަތުމުގެ އަމަލެއް ކަމަށެވެ. އަދި ހިފައިފައިވާ ފަލަސްތީނުގެ ބިމުގެ މައްޗަށް އިސްރާއީލަށް ސިޔާދަތެއް ލިބިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ޤަތަރުގެ ޚާރިޖިއްޔާއިންވެސް ވަނީ އިސްރާއީލުގެ މި ފިޔަވަޅު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލުގެ މި އަމަލަކީ ފަލަސްތީނު ރައްޔިތުންގެ ތާރީޚީ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ޝަރުޢީ ޤަރާރުތަކާ ޚިލާފުވުމެއް ކަމަށެވެ. ޤަތަރުން ބައިނަލްއަޤްވާމީ މުޖުތަމައަށާއި ޚާއްޞަކޮށް ސަލާމަތީ މަޖިލިސްއަށް ގޮވާލާފައިވަނީ، އިސްރާއީލުގެ މިފަދަ ހަންފެތުރުމުގެ މަޝްރޫޢުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށެވެ.

ކުވައިތުގެ ޚާރިޖިއްޔާއިން ބުނެފައި ވަނީ މިއީ ސަލާމަތީ މަޖިލީހުގެ ޤަރާރު 2234 އާއި ޚިލާފު އަމަލެއް ކަމަށެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖިއްޔާއިން ބުނެފައި ވަނީ މިފަދަ ހުރިހާ ޢަމަލަކާ ދެކޮޅު ހަދާ ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ބޯޑަރުގެ ސަރަހައްދާއެކު އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށް ބަލައިގެން ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ތާއީދު ކުރާކަމަށެވެ.

ތުރުކީގެ ޚާރިޖިއްޔާއިން ބުނެފައި ވަނީ އިސްރާއީލުގެ މި ނިންމުމަކީ ތާކުންތާކު ނުޖެހޭ އަދި ސަރަހައްދުގެ ސަލާމަތާއި މަޞްލަޙަތަށް ނުރައްކާވާ ކަމެއް ކަމަށެވެ.

ފަލަސްތީނުގެ ނޭޝަނަލް އިނިޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުޞްޠަފާ އަލްބަރުޣޫޘީ ވަނީ އިސްރާއީލުގެ މިއަމަލަށް ރައްދެއްގެ ގޮތުގައި އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލާފައެވެ. އަލްބަރުޣޫޘީ ވިދާޅުވީ، އިސްރާއީލުގެ މި އަމަލަކީ ސަރުކާރާއި އިދިކޮޅު ޕާޓީތަކުގައި ހިމެނޭ ޒަޔަނިސްޓު ފިކުރުގެ ޕާޓީތައް ބައިވެރިވެގެން ހިންގި ޖަރީމާއެއް ކަމަށެވެ. ބަރުޣޫޘީ އިތުރަށް ވިދާޅުވީ، އިސްރާއީލުން މިހާރު މި ޖަރީމާތަކަށް ޤާނޫނީ ހައިސިއްޔަތު ދީގެން، ހުޅަނގު އައްސޭރީގެ ބިންތައް  ވަކިކޮށް ބައިބައި ކުރަމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!