ގަތަރާއި މިސްރުން މެދުވެރިވެގެން އިސްލާމީ ގައުމުތަކުން ޓްރަމްޕަށް ސަނާކިޔަމުން ސޮއިކޮށްފައިވާ ޖެނޮސައިޑް ނިންމާ އެއްބަސްވުމާ ކޮންމެ ދުވަހަކުހެން ޔަހޫދީން ދަނީ ޚިލާފް ވަމުންނެވެ. އިސްލާމީ ގައުމުތަކުންވެސް އަރަބި ގައުމުތަކުންވެސް ޔަހޫދީންނަށް ހުރަސް އެޅުމަށް ކަމެއް ކުރާތަނެއް ނުފެނެއެވެ.
އެއާއެކު މިހާރު މީޑިއާއަށް ހާމަވެފައިވާ މައުލޫމާތުން އެމެރކާއިން ޖެނޮސައިޑްގައި ބައިވެރިވާކަމަށް ބެލެވޭ ހެކިތައް ތިލަވާން ފަށާފައި ވެއެވެ.
ޣައްޒާގައި ހިންގި ޖެނޮސައިޑް ހަނގުރާމައަކީ، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފުވެދާނެ ހަނގުރާމައެއް ކަމަށް ބުނެ އިސްރާއީލުގެ އަސްކަރީ ގާނޫނީ ލަފާދޭ ފަރާތްތަކުން ޒަޔަނިސްޓް ސަރުކާރަށް ތަކުރާރުކޮށް އަންގާފައިވާ ކަން އެމެރިކާގެ ޖާސޫސީ އިދާރާގެ ސިއްރު ރިޕޯޓުތަކުން ސާބިތު ވެއެވެ.
މި ޖާސޫސީ މައުލޫމާތުތަކަށް އަހުލުވެރި ނަން ނުޖެހުމަށް އެދިފައިވާ މަސްދަރުތަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖެނޮސައިޑް ފޯސްގެ ގާނޫނީ ވަކީލުން ވަނީ އާންމުންނަށް އަމާޒުކޮށްދޭ ވައިގެ ހަމަލާތައް އިތުރު ވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖެނޮސައިޑް ފޯސްއަށް މި އިންޒާރުތައް ދީފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު-ނޮވެމްބަރު މަހުގެ އަސްކަރީ ކެމްޕޭންގެ ކުރިންނާއި އެ ކެމްޕޭންގެ ތެރޭގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރުވެ، އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ފުޅާދާއިރާއެއްގައި ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވުމުންނެވެ.

އެމެރިކާއަށް ލިބިފައިވާ ޖާސޫސީ މައުލޫމާތުން ދައްކާ ގޮތުގައި ބައެއް ކޮމާންޑަރުން ވަނީ އެ ހަމަލަތަކަކީ ގައުމީ ސަލާމަތާ ބެހޭ ގޮތުން ކޮންމެހެން ދޭން ޖެހޭ ހަމަލަތަކެއް ކަމަށާއި އެއީ ހަމާސްގެ ނުރައްކާތައް ނައްތާލުމަށް ކޮންމެހެން ދޭން ޖެހޭ ހަމަލަތަކެއް ކަމަށް ބުނެ އެ ލަފާ ބާތިލްކޮށްފަ އެވެ.
އެމެރިކާއަށް މި ކަން މައްސަލައަކަށް ވެފައި ވަނީ މި ޖެނޮސައިޑް އެމެރިކާއިން ދިން ހަތިޔާރު ބޭނުންކޮށްގެން ހިންގުމާ އެކަމަށް ސާބިތު ހިފޭ ހެކިތައް ހާމަވުމުން މިކަމުގައި އެމެރިކާގެ ބައިވެރިވުން ސާބިތުވާތިއެވެ.
ޔަހޫދީންގެ ޕްރޮޕެގެންޑާއަކީ، ހުރިހާ އޮޕަރޭޝަންތަކެއް ހިންގީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށާއި ހަމާސްއިން މަދަނީ ސަރަހައްދުތައް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ކުރުމެވެ.
އެމެރިކާގެ ރިޕޯޓް ރަސްމީކޮށް އާންމުކޮށްފައި ނުވިއަސް ބައިޑެންގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ފަރާތްތަކުން ވަނީ މި ރިޕޯޓާ ބެހޭ ގޮތުން މީޑިއާއަށް ތަފްސީލުތައް ދީފައެވެ.






