ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުބައިވަސް ދުވާ މަލުގެ ތެރޭގައި ހިމެނޭ ޓައިޓަން އަރަމް ނުވަތަ ކޯޕްސް ފްލާވާއަކީ ކުނިމަހުން ދުވާފަދަ ނުބައި ވަހެއް ޖައްވަށް ބޭރުކޮށްލާ މަލެކެވެ. މިމަލަކީ ގަސްގަހާގެހީގެ ދުނިޔޭގެ އެންމެ ޢަޖައިބު ކުރަނިވި އެއް މަޚްލޫޤެވެ. މި މާ މަޝްހޫރުވެފައިވަނީ އޭގެ ބޮޑު މިނުންނާއި ވަރަށް މަދުން ނޫނީ ނުފޮޅޭ މަލަކަށް ވާތީއެވެ. އަދި މަރުވެފައިވާ ދިރޭ މަޚުލޫގެއް ކުނިވާއިރު ދުވާފަދަ ނުބައި ވަހެއް އެއިން ދުވާތީއެވެ.
މި ގަސް އެންމެ ގިނައިން ހެދިބޮޑުވަނީ އިންޑޮނޭޝިއާގެ ސުމަތުރާގެ ހުޅަނގު ފަރާތުގެ ވާރޭ ވެހޭ ޖަންގަލިތަކުގައެވެ. މި މަލުގެ އާދަޔާ ޚިލާފަށް ނުބައި ވަހުގެ ސަބަބުން، މީހުން މި މަލަށް 'ކުނިވަސް ދުވާ މާ' ނުވަތަ 'ކޯޕްސް ފްލަވަރ' ގެ ނަމުން ނަން ދީފައިވެއެވެ.
ޓައިޓަން އަރަމް ގެ ގަހަކީ 12 ފޫޓަށް ވުރެ އުސްކޮށް ހެދޭ ގަހެކެވެ.

ޓައިޓަން އަރަމްގެ މާ ފޮޅޭނީ ކޮންމެ ދެތިން އަހަރަކުންނެވެ. އަދި އެ މާ ފޮޅިފައި ހުންނަނީ އެންމެ 24 ގަޑިރުން 48 ގަޑިއިރާ ދެމެދުގެ ކުރު މުއްދަތަކަށެވެ. މާ ފޮޅިފައި ހުންނަ ކުރު މުއްދަތުގެ ތެރޭގައި، އެ މަލުގެ މެދުގައި ހުންނަ ކަރުގަނޑުން ހޫނުކަމެއް އުފައްދައެވެ. މި ހޫނުކަމުގެ ސަބަބުން މަލުގެ ވަސް ދުރަށް ފަތުރައި، ސޫފާސޫފި އެމަލާހަމައަށް ގެނައުމަށް ޝައުގުވެރިކޮށްދެއެވެ.
ޓައިޓަން އަރަމް އިން ދުވާ ނުބައި ވަހަކީ އެކި ކެމިކަލްތައް އެއްވެގެން އުފެދޭ ވަހެކެވެ. މި މަލުން ދުވާ ނުބައި ވަހުގެ ތެރޭގައި ކުނި ކެބެޖުން ދުވާ ވަހާއި ކުނި މަހުން ދުވާ ވަހާއި އިސްޓާކީނު ކުނިވަސްފަދަ ވަސްތައް ހިމެނެއެވެ.







