މިހާ ފާޅުކަން ބޮޑު ގޮތަކަށް މަކަރު ހަދާކަށް ނުވާނެ ދޯ؟

ނަސީބު ވެރިޔާ ހޮވުމުގެ ކަންކަން ޓީވީން ބާއްވަމުން ގެންދިޔައީ ދެފުށްފެންނަ ގޮތަށް ލައިވްކޮށް އެންމެނަށް ދައްކައިގެންނެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ މަސްއޫލުވެރިޔާއަކީ އެއަށް ވުރެން ހިޔަޅު މީހެކެވެ. ޕްރޮގްރާމުގައި އޭނާ ބައިވެރިވީ ޝަރަފްވެރި މެހުމނުގެ ހައިސިއްޔަތުންނެވެ. އޭނާގެ މަގާމާއި ހައިބަތުގެ ސަބަބުން އޭނާއާ ހަވާލުކޮށްފައި އޮތީ ނަސީބު ވެރިޔާ ހޮވުމަށްޓަކައި ބަރަކާތްތެރި އަޕްޕުޅުން ކޫޕަން އެއް ނެގުމުގެ މަސައްކަތެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ލައިގެން ހުރި ޖުއްބާގެ އަތު ކުރި އިރުއިރުކޮޅާ ރަނގަޅު ކޮށްލައެވެ،. އަދި ނަސީބު ވެެރިޔާ ހޮވުމަށް އެތައް ބައިވަރު ކޫޕަންތައްވެސް މުށަށް ލައެވެ. ނަމަވެސް ކޫޕަންތައް ގިނަގަމުން ފޮޅަމުން ފޮޅަމުން ގޮސް އެންމެ ކޫޕަނަކަށް ހަދާލައި ޖުއްބާގެ އަތުކުރިން ފޭބި ކޫޕަން ނަފާގައި ބޭފުޅާގެ މާތް ސޮއި ޖެއްސެވުމަށްފަހު ޕްރެޒެންޓަރާ ހަވާލުކޮށްލައެވެ. ޕްރެޒެންޓަރު އޭގައި އޮތް ނަން އިއްވާލައެވެ. އެ ނަސީބު ވެރިޔާއަކީ ފާތުމާ ޖަމާލު އެވެ.

މި ފާތުމާ ޖަމާލު އިންތިހާއަށް ނަސީބު ވެރިއެކެވެ. މިފަހަރުވެސް އޭނާއަށް މިލިބުނީ އަގު ބޮޑު ކެޑިލަކް މަރުކާގެ ކާރެކެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން މިއަހަރު ތެރޭގައި އޭނާއަށް ހަމަ މިގޮތަށް ކޫޕަން ނަގައިގެން 4 ކާރު ލިބިފައި ވެއެވެ.

ފާތުމާ ޖަމާލުގެ ނަސީބު ރަނގަޅު ކަމާ ހެދި މީހުން ސުއާލު ކުރަން ފެށިއެވެ.

މަސްއޫލުވެރިޔާއަށް ނޭނގުނު ހަގީގަތަކީ ވީޑިއޯ ކެމެރާއަކީ އާންމު ހަރަކާތަށް ވުރެން ލަސްކޮށް ސިކުންތަކު 25 ފްރޭމްގެ ނިސްބަތުން ހަރަކާތް ނަގައިގަންނަ އެއްޗެއް ކަމުން ވައްކަމާއި އޮޅުމާލުން ކެމެރާއިން ނިކަން ފަސޭހައިން ހިފިދާނެ ކަމެވެ. ވީޑިއޯ ރަނގަޅަށް ބަލައި ހެދުމުން މަސްއޫލު ވެރިޔާގެ މަކަރު ބޭޒާރުވެ ބަސްޓުވީއެވެ.

މިހާދިސާ ހިނގީ ކުވޭތުގައެވެ. ކުވޭތުގެ ބަންޑާރަ ނާއިބް އޮފީހުން ވަނީ މިމައްސަލަ ޝަރީއަތަށް ފޮނުވައި ބޭފުޅާއާ މެދު ފިޔަވަޅު އަޅާފައެވެ!

ހިއްސާ ކުރައްވާ!