ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވަނީ، ޤާނޫނުތަކަށް ބަދަލު ގެންނައިރު މަޖިލީހުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ބަލައިގެން ކަމަށާއި، ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތުމަކުން ވަކި މަންފާއެއް ނަގަން މަސައްކަތެއް ނުކުރާ ކަމަށެވެ. މަޖިލީހުގެ މަސައްކަތް ބައްޓަންކުރަނީ ޤައުމާއި ރައްޔިތުންނަށް އެންމެ ބޮޑަށް ލާބައާއި މަންފާ ކުރާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޢަބްދުއްރަޙީމް ވާހަކަދެއްކެވީ، ބުދަ ދުވަހު ނިމުނު މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާއަށް ފަހު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އޭނާ ވިދާޅުވީ، ކޮންމެ ޤާނޫނަކަށް އިޞްލާހު ގެނަޔަސް، ނޫނީ އަލަށް ޤާނޫނެއް ހެދިޔަސް މަޖިލީހުގެ މަސައްކަތް ބައްޓަންކުރަނީ، ހަދާ ޤާނޫނަކުން ނުވަތަ އިޞްލާޙުކުރާ ޤާނޫނަކުން، ޤައުމާއި ރައްޔިތުންނަށް އެންމެ ބޮޑަށް ލާބައާއި މަންފާ ކުރާނެ ގޮތަކަށް ކަމަށެވެ.
މަޖިލީހުގެ ރައީސް ވަނީ، މަޖިލީހުގެ ޤަވާއިދުތަކާއި ޤާނޫނުއަސާސީއާ އެއްގޮތަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ. ޕީއެންސީއަށް ސުޕަރ މެޖޯރިޓީ ލިބިފައިވީ ނަމަވެސް، އެކަމުގެ ނާޖާއިޒު ފައިދާއެއް ނަގަން މަސައްކަތް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިގެންދަނީ މިދެންނެވިހެން، ދިވެހިރާއްޖޭގެ ޤާނޫނުއަޞާސީއާ ހެދިފަ ހުރި ޤާނޫނުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުން. ވަކި އަޅުގަނޑުމެންގެ އަތުގައި ސުޕަރ މެޖޯރިޓީ އޮތޭ ކިޔާފަ އަޅުގަނޑުމެން ވަކި މަންފާއެއް ނަގާކަށެއް ވަކި ފައިދާއެއް ނަގާކަށް މަސައްކަތެއް ނުކުރަން،" މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތީން، ނޮވެމްބަރު 30 ވަނަ ދުވަހަކީ މަޖިލިސް ޗުއްޓީއަށް ދާންޖެހޭ ދުވަހެވެ. އެކަމަކު ޗުއްޓީއަށް ދިއުން ތިން ދުވަހަށް ލަސްކުރީ މަސައްކަތްތައް ނިންމާފައި ޗުއްޓީއަށް ދިއުމަށް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި، މަޖިލީހުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމަށް، ސަރުކާރަށް މުހިއްމުވާ ބިލްތަކަށް އިސްކަންދީގެން މަސައްކަތްކުރަމުންގެންދާ އުޞޫލުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޗުއްޓީއަށް ދާއިރު، އަޅުގަނޑުމެން ޗުއްޓީއަށް ދިއުމުން ސަބަބުން ބިލެއް ފާސްނުވެގެން، މަޖިލީހުން ދޭންޖެހޭ ހުއްދައެއް ނުދީގެން، ސަރުކާރަށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނޯންނާނެ. އެ ހުރިހާ ކަމެއް ނިންމާފަ އަޅުގަނޑުމެން މި ދަނީ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަލަށް ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، އެ ހުރިހާ ކަމެއްގައި ސަރުކާރުން ބޭނުންވާ ސްޕީޑުގައި މަސައްކަތްކުރުމަށް ކަމަށެވެ. ސަރުކާރަށް ބޭނުންވާ ސްޕީޑުގައި މަސައްކަތްކުރަމުން، ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް މަޖިލީހުން ކުރާކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
އެގޮތުން، ވަޒީރުންނާ ސުވާލު ނުކުރާ ކަމަށް ވާދަވެރިން ވިދާޅުވިޔަސް، މިހާތަނަށް އައިއިރު 72 ފަހަރު ވަޒީރުން، މަޖިލީހަށް ހާޒިރުކުރެވިފައިވާނޭ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ވަޒީރުންގެ އިތުރުން މިނިވަން މުޢައްސަސާތައް ޙާޟިރުކުރުމާއި، އިދާރާތައް ޒިންމާދާރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް މަޖިލީހުން އަޅަމުންގެންދާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.






