ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދާއި، މއ. އެވާގްލޯރީ، އަހްމަދު އާރިފްގެ ބަންދު މުރާޖާކުރުމަށްފަހު، ޝަރުތުތަކަކާއެކު އެމީހުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ކޯޓުން އެގޮތަށް ނިންމައި އެމީހުން ދޫކޮށްލައިފި އެވެ.
މިކަމާ ގުޅިގެން ޕީޖީން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. ޕީޖީން ނެރެފައިވާ ބަޔާނުގައިވާ ގޮތުގައި، މި އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލުގައި ހުއްޓާ ވަގަށްނަގާފައިވާ މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އެދި މި މަހުގެ ތިން ވަނަ ދުވަހު ފުލުހުން ޕީޖީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ދައުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ޕީޖީން ކުރަމުން އަންނަ ކަމަށާއި، އެގޮތުން ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާނެ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
މީގެ އިތުރުން މި މައްސަލާގައި ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ އަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދައުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިއާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު އެ އޮފީހުން މިއަދު މުރާޖައާކޮށްފައިވާ ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.
އެގޮތުން މި ކުށުގެ އަމަލު ރޭވި ކަމަށް ތުހުމަތުކުރެވޭ ދިގަލި، އާއްޓޭގެ އިތުރުން ކޮންޓެއިނަރު ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން ވެސް ވަނީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފަ އެވެ.
ޕީޖީން ބުނެފައިވާ ގޮތުގައި ދިގަލި އާއި އާއްޓޭ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުން ކަމަށްވާއިރު، މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ އެވެ.
ހަމައެހެންމެ ހަސަން އަބްދުއްރަހްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ވެސް ޕީޖީން ވަނީ ހާމަކޮށްފަ އެވެ.
މި މައްސަލާގައި ދައުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭ ކަމަށްވާނަމަ އެ މީހުންގެ ބަންދު ޕީޖީން މުރާޖައާކުރާނެ ކަމަށް އެ އޮފީހުން ވަނީ އިތުރަށް ބުނެފަ އެވެ.
މި މައްސަލާގައި މިހާރު ބަންދުގައި ތިބި މީހުން
- މުއާޒު އަލީ ހ. ނިއުހެޕިނަސް (މިފްކޯގެ ޖެނެރަލް މެނޭޖަރު)
- ޒިވާރު އިސްމާއިލް، މެދުރީގެ / ހދ. ވައިކަރަދޫ (ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް)
- އަހުމަދު ޝަހީމް، ނޫރަލީގެ/ހދ. ވައިކަރަދޫ (އެމްޕީއެލްގެ މުވައްޒަފެއް)
- އަހުމަދު ފިރުސާން، ހ. ރުމޭނިޔާ (އެމްޕީއެލްގެ މުވައްޒަފެއް)
- ހުސައިން ސާމިހު، ޗާނދަނީގެ/ސ. ހިތަދޫ (އެމްޕީއެލްގެ މުވައްޒަފެއް)
- އާދަމް ވަހީދު، ކެނެރީގެ /ނ. މިލަދޫ (ކޮންޓެއިނަރު ގެންދިޔަ ދޯނި ކައްޕި)
- މުހައްމަު އަލަމައިން މިއާ، ބަންގްލަދޭޝް





