ތާރީޚީ ގޮތުން މުއްސަނދި، ސަގާފީ ގޮތުން ތަފާތު އަދި ބޮޑު ސަރަހައްދަކަށް އަޅުގަނޑުމެން 'މެދުއިރުމަތި' ނުވަތަ 'މިޑްލް އީސްޓް' އޭ ކިޔަނީ ކީއްވެގެންތޯ މިއީ އުފެދޭ ސުވާލެކެވެ. މިއީ ކޮން ސަރަހައްދެއްގެ ކޮން ހިސާބެއްގެ މެދަކަށްވާތީ އަރަބިން ގިނައިން އުޅޭ އެ ސަރަހައްދަށް ކިޔާ ނަމެއް ހެއްޔެވެ؟ އަދި އެ ސަރަހައްދު އޮންނަނީ ކޮން ބައެއްގެ އިރުމައްޗަށް ހެއްޔެވެ؟ އެ ސަރަހައްދު އިރުމައްޗަށް ވަނީ ދުނިޔޭގެ ޗާޓުގެ މެދަކީ ވިލާތުގެ ގައުމުތަކުގެ ސަރަހައްދު ނުވަތަ ޔޫރަޕް ކަމަށް ބަލައިފިނަމައެވެ. ނަޖިހުން ތާހިރުވާން ނޫނީ ސުންނީ ޝަވަރު ނުދަންނަ މީހުންގެ ސަރަހައްދަކީ ދުނިޔޭގެ މެދު ކަމަށް ނިންމީ ކޮން ބައެއް ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ގުޅިފައިވަނީ އިސްތިއުމާރީ ތާރީޚާއި ބަސް ބޭނުންކުރުމުގައިވާ ސިޔާސީ ބާރުވެރިކަމާއެވެ.
އިސްތިއުމާރީ ނަމެއް
'މެދުއިރުމަތި' މި ނަމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމު ރައްޔިތުން އަމިއްލައަށް އިޚްތިޔާރުކުރި ނަމެއް ނޫނެވެ. މިއީ ވިލާތުގެ އިސްތިއުމާރީ ބާރުތަކުން، އެމީހުންގެ އަމިއްލަ ނަޒަރިއްޔާތުންނާއި ސިޔާސީ މަސްލަހަތުތަކަށް ބިނާކޮށް ދުނިޔެ ބަހާލުމަށް ބޭނުންކުރި ނަމެކެވެ. އިނގިރޭސިވިލާތާއި ވިލާތުގެ އެހެން ބާރުތަކުން ދުނިޔޭގެ ޗާޓު ކުރަހައި ބަހާލިއިރު، އަމިއްލައަށް އެމީހުން، އެމީހުންގެ އަމިއްލަ ގައުމުތައް ބަލާފައި ވަނީ ދުނިޔޭގެ މެދަށްވާ ގޮތަށެވެ.
- މިގޮތުން ވިލާތާ ކައިރީގައިވާ ސަރަހައްދުތަކަށް އެވެރިން ނަން ދިނީ 'ނިއަރ އީސްޓް' (ކައިރި އިރުމަތި) ގެ ގޮތުގައެވެ.
- ޗައިނާއާއި ޖަޕާން ފަދަ ސަރަހައްދުތަކަށް 'ފާރ އީސްޓް' (ދުރު އިރުމަތި) ކިޔަން ފެށިއެވެ.
- މި ދެމެދުގައިވާ އީރާނުން ފެށިގެން ފަލަސްތީނާއި އަރަބި ކަރައާ ހަމައަށް އޮތް ސަރަހައްދަށް 'މެދުއިރުމަތި' ގެ ނަމުން ނަން ދިނެވެ.
- މިއީ ހަމައެކަނި ވިލާތުގެ މީހުންނަށް އެ ސަރަހައްދު ފެންނަ ގޮތެވެ.
ބަހުގެ ނުފޫޒާއި ދުނިޔެއާ ދިމާއަށް ބަލާ ގޮތް
ބައެއް މީހުން ބުނެފާނެއެވެ. 'އެއީ ހަމައެކަނި ނަމެކެވެ.' ނަމަވެސް އިސްތިއުމާރީ ފިކުރުން ބަސްބަހާއި ނަންތައް ގެންގުޅޭ ގޮތުން މިއަދާ އަހަމައަށް ޔަގީން ވެފައިޥާ ކަމަކީ ނަމަކީ ދުވަހަކުވެސް ވަކި ފަރާތަކަށް ނުޖެހޭ އެއްޗެއް ނޫން ކަމެވެ. ބަހަކީ އަޅުގަނޑުމެން ވިސްނާ ގޮތް ބައްޓަންކޮށްދޭ އެއްޗެކެވެ. ކޮންމެ ބަހެއްގެ ފަހަތުގައިވެސް ތާރީޚާއި، ސިޔާސަތާއި، ނުފޫޒާއި ބާރުވެރިކަން ފޮރުވިފައިވެއެވެ. އިސްތިއުމާރީ އަޅުދާސް ކުރުމުގެ ފިކުރު ގެންގުޅުނު ގައުމުތަކުން މިފަދަ ނަންތައް ބޭނުންކުރުމުން، ނޭނގި ނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަމުން މިދަނީ ވިލާތުގެ ހުދު މީހުން ދިރިއުޅޭ ސަރަހައްދުތަކީ ދުނިޔޭގެ މެދަށްވާ ގޮތަށް އޮންނަ މަރުކަޒު ކަމަށެވެ.
އީރާނު، އިރާގު، ފަލަސްތީނު ނުވަތަ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ މީހަކަށް ވިލާތު ސަރަހައްދަކީ ދުނިޔޭގެ 'މެދު' އެއްވެސް ނޫނެވެ. ނަމަވެސް އިސްތިއުމާރީ ވިސްނުމަކުން ސިކުނޑި ބައްޓަން ވެފައިވާ އަރަބިން ސުއާލަކާ ނުލައި މިނަން ބޭނުން ކުރަމުން ދެއެވެ. ސައޫދީ ޝާހީ އާއިލާއިން ފައިސާ ދީގެން ލަންޑަންގައި ނެރޭ އަރަބިންގެ އެންމެ ހިނގާ އެއް ނޫހަށްވެސް ނަން ދީފައި ވަނީ މި ނަމުންނެވެ. މިއިން އެމީހުންގެ ވިސްނުން އެނގެއެވެ. މެދުއިރުމައްޗޭ މިކިޔާ ސަރަހައްދު މެދެއްވެސް އަދި އިރުމައްޗެއްވެސް ނޫނެވެ. މެދުއިރުމަތި މި ލޭބަލްގެ މާނައެއް އޮންނަނީ ހަމައެކަނި ވިލާތަށް ނިސްބަތްކޮށް ވާހަކަދައްކާ ނަމައެވެ.
ބަދަލުވަމުންދާ ނަޒަރިއްޔާތު: ވެސްޓް އޭޝިއާ
މި ސަބަބަށްޓަކައި މިހާރުގެ ގިނަ އިލްމުވެރިންނާއި، ނޫސްވެރިން އަދި އެކްޓިވިސްޓުން މެދުއިރުމަތީގެ ބަދަލުގައި އެ ސަރަހައްދަށް ބޭނުން ކުރަނީ 'ވެސްޓް އޭޝިއާ' (ހުޅަނގު އޭޝިއާ) މި ނަމެވެ. މިއީ ޖިއޮގްރަފީ ގޮތުން މާ ސައްހަކަން ބޮޑު ނަމެކެވެ. ސަބަބަކީ އެ ސަރަހައްދަކީ އޭޝިއާ ބައްރުގެ ހުޅަނގު ފަރާތެވެ. މި ނަން ބޭނުންކުރުމުން ވިލާތަކީ ދުނިޔޭގެ މަރުކަޒު ކަމަށް ބެލެވޭ ބެލުން ނެތިގެންދެއެވެ. އަދި ބައެއް ފަރާތްތަކުން އެ ސަރަހައްދަށް (ވެސްޓް އޭޝިއާ އެންޑް ނޯތު އެފްރިކާ) މި ނަންވެސް ބޭނުންކުރެއެވެ.
ހުޅަނގުގެ ފިކުރުން، ނޫސްވެރިކަމާއި ތައުލީމީ ދާއިރާގައި ބޭނުންކުރާ ބަސްތަކަށް ބަދަލު ގެނައުމަކީ ހަމައެކަނި އާދަކާދައަކަށް ކުރާ ކަމެއް ނޫނެވެ. މިމީހުންގެ މިކަންކަމަށް ފުންކޮށް ވިސްނާލައިފިނަމަ، ދުނިޔޭގެ ޖިއޮގްރަފީއާއި، ސަގާފަތާއި، އަމިއްލަވަންތަކަން މިމީހުން ބޭނުންވި ގޮތަށް ބައްޓަންކޮށްފައިވާ މިންވަރު ދެނެގަނެވެއެވެ. މިފަދަ ނަންތަކުން މިމީހުން މި ވަނީ އެހެން މީހުންގެ ސިކުނޑި ދޮވެލާފައެވެ!
ހަމައެކަނި ނަމެއް ބަދަލުކުރުމަކުން އިސްތިއުމާރީ ތާރީޚެއް ފޮހެއެއް ނުލެވޭނެއެވެ. ނަމަވެސް، މިފަދަ ބަސްތަކާ މެދު ސުވާލު އުފެއްދުމަކީ ފިކުރީ ގޮތުން މިނިވަން ވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން ދުނިޔެ ބަލާނީ ވިލާތުގެ ލޯގަނޑަކުންތޯ ނުވަތަ އަމިއްލަވަންތަކަން އިސްކޮށްގެންތޯ މިއީ މިއަދު އުފެދޭ އެންމެ ބޮޑު ސުވާލެވެ.






