ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީއަށް ޕޮލެންޑުން ދީފައިވާ އެންމެ މަތީ ޝަރަފުގެ އިނާމު ކަމަށްވާ "ވައިޓް އީގަލް" އަތުލުމަށް ޕޮލެންޑުގެ ރައީސް ކެރޮލް ނަވްރޮޓްސް ނިންމަވައިފިއެވެ. މި ނިންމުން ނިންމެވީ ޔޫކްރޭނުގެ ސިފައިންގެ ޔުނިޓަކަށް "ޔޫކްރޭނިއަން އިންސާޖަންޓް އާމީ" (ޔޫޕީއޭ) ގެ ނަން ދިނުމަށް ޒެލެންސްކީ ހުއްދަ ދެއްވުމާ ގުޅިގެން ޕޮލެންޑުގައި އެކަމަށް ނުރުހުންތަކެއް އުފެދުމުންނެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޕޮލެންޑުގެ ރައްޔިތުންނާ ދެކޮޅަށް ޔޫޕީއޭ ޖަމާއަތުން ގަތުލުއާންމުތަކެއް ހިންގި ކަމަށް ޕޮލެންޑުން ތުހުމަތުކުރެއެވެ. 1943 އާއި 1945 އާ ދެމެދު ހިނގި "ވޮލީނިއާ ގަތުލުއާންމުތަކުގައި" ގާތްގަނޑަކަށް 100،000 ޕޮލެންޑު މީހުން މަރުވި ކަމަށް ވާރްސޯއިން ބުނެއެވެ. ނަމަވެސް، ޔޫކްރޭނުގެ ބައެއް ފަރާތްތަކުން މި ޖަމާއަތް ދެކެނީ ސޮވިއެޓް އިއްތިހާދާއި ނާޒީ ޖަރުމަނާ ދެކޮޅަށް ހަނގުރާމަކުރި ގައުމީ ބަތަލުންގެ ގޮތުގައެވެ.
މި ނިންމުމާ ގުޅިގެން ޔޫކްރޭނުގެ ފޮރިން މިނިސްޓަރު އަންދްރޭ ސިބީހާ ވިދާޅުވީ، މިއީ ޕޮލެންޑުގެ ރައީސް ހެއްދެވި "ސްޓްރެޓެޖިކް ކުށެއް" ކަމަށާއި، މިކަމުން ފައިދާ ލިބޭނީ ހަމައެކަނި ރަޝިޔާއަށް ކަމަށެވެ.
ޕޮލެންޑަކީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމަށްފަހު، އެ ގައުމަށް އެންމެ ބޮޑަށް އެހީތެރިވަމުން އަންނަ އަދި ޔޫކްރޭނުގެ ރެފިއުޖީންނަށް ބޯހިޔާވަހިކަން ދެމުން އަންނަ މުހިންމު އެކުވެރިއެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޕޮލެންޑުގެ ގްޑާންސްކް ސިޓީގައި ޔޫކްރޭން އަލުން ބިނާކުރުމާ ބެހޭ ކޮންފަރެންސެއް ބާއްވަން ހަމަޖެހިފައި ވަނިކޮށް ނިންމި މި ނިންމުމަކީ، ދެ ގައުމުގެ ދެމެދުގައި އުފެދިދާނެ ޑިޕްލޮމެޓިކް މައްސަލަތަކެއްގެ ސިގްނަލެއް ކަމަށް ބެލެވެއެވެ.




