އެމެރިކާގެ އަނިޔާވެރި ގުއަންޓަނާމޯ ބޭގެ ޖަލުތަކުގައި މުސްލިމް އަސީރުންނާ މެދު ހިންގަމުންދިޔަ ލާއިންސާނީ އަމަލުތައް ކޮންމެ ދުވަހަކު ހިނގަމުން ދެއެވެ. ނަމަވެސް ކީރިތި ޤުރުއާނަށް އެމެރިކާ ސިފައިން އިހާނާތްތެރިކޮށް ހިތުމަކީ މުސްލިމުން ބަލައިގަތް ކަމެއް ނޫނެވެ. އެމެރިކާ ސިފައިންގެ އަނިޔާތަކާ ދެކޮޅަށް މުސްލިމު ގައިދީން ބޭނުންކުރި އެންމެ ހާއްސަ އަދި އެންމެ "ނުރައްކާތެރި" ހަތިޔާރަކީ، އެމީހުންގެ ބަހުން "ނިއުކްލިއަރ ހަތިޔާރެވެ!"
މި ހާދިސާގެ ފެށުނީ، އެމެރިކާ ސިފައިންގެ މީހަކު ގޮޅި ފާސްކުރަން އައި ދުވަހަކު ކީރިތި ޤުރުއާނަށް އިހާނާތްތެރި ހަމަލާއެއްދީ ޤުރުއާން އަތުކޮޅަށް ހޫރާލުމުންނެވެ. ގައިދީން އަބަދުވެސް ބިޑިއަޅުވައި ބައްވައިގެން އެމީހުންގެ ކައިރީގައި ކުއްތާއިން ލައްވައި ވައްވައް ޖައްސައި އަނިޔާކޮށް ހެދުމަކީ އާދައިގެ ކަމެކެވެ.
ޤުރުއާނުގެ ހުރުމަތް ކަނޑާލުމަކީ، ގައިދީން މައާފް ނުކުރާ ކަމެކެވެ!
މި ދުވަހުވެސް ޤުރުއާން އަތުކޮޅަށް ހޫރާލުމުން އެކަމަށް ބަދަލު ހިފީ ޔަމަނުގެ އަޚެއް ކަމަށްވާ އަދުނާން އަލް-ޝަރާބީއެވެ.
އަސީރުންގެ ތެރޭގައި ފަހުން މަޝްހޫރުވި ނިއުކްލިއަރ ހަތިޔާރު ތައާރަފް ކޮށްދިނީ އަދުނާން އައްޝަރާބިއެވެ. އަދުނާނު ޝަހީދުވީ ގުއަންޓަނާމޯގައި އަނިޔާ ކުރުމުގެ ތެރޭގައެވެ!
އެ ދުވަހުވެސް ގޮޅިތައް ބަލަން އައިސް ގައިދީއަކު ކިޔަވަން ގެންގުޅުނު ޚަތިމު ނަގައި ފޮޅައި، އޭގެ އެތެރޭގައި ހަތިޔަރު ފޮރުވާފައި އޮތްތޯ ބަލަނީ ކަމަށް ބުނެ، ޚަތިމު އަތުކޮޅަށް އެމެރިކާ ސިފައިންގެ މީހާ ހޫރާލިއެވެ.
ކީރިތި ޤުރުއާނަށް އިހާނާތްތެރިކޮށް ހިތުމުން، އަދުނާން އެ ސިފައިންގެ މީހާގެ ބޮލަށް އޮއްސާލީ ގައިދީ ބޮޑުކަމުދާ ތަކެތި އަޅާން ދީފައި ހުރި ބާލިދީގައި ހުރި ނަޖިހެވެ!
މި ހާދިސާގައި، ސިފައިންގެ މީހެއްގެ ގަޔަށް އެ ބާލިދީ އެއްކޮށް އޮއްސާލުމުން، އެމެރިކާ ސިފައިން ސިހުނެވެ. އަދި އެމީހުންގެ މަސައްކަތަށް ހުއްލި ހުއްޓުމެއް އައެވެ! ނިއުކްލިއަރ ހަތިޔާރުން އަދުނާން އެމެރިކާ ސިފައިންގެ ތެރޭގައި ބިރުވެރިކަމާއި ހައިރާންކަން އުފައްދައިފިއެވެ.
ފަހުން ގުއަންޓަނާމޯގައި މުސްލިމުންނަށް ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ ކަމަށް މަޝްހޫރުވިއެވެ!
މި ވާހަކަ މިހާރު ދުނިޔެއަށް ކިޔައިދެމުން މިދަނީ މޮރިޓާނިޔާގެ ވަލީދު މުހައްމަދު ހާއްޖުއެވެ. އޭނާއަކީ އަފްޣާނިސްތާނުން ހައްޔަރުކޮށް، އެހެން މުސްލިމު ގައިދީންނާ އެއްގޮތަށް އެމ،ެރިކާއިން ރަހީނުކޮށްގެން ގުއަންޓަނާމޯގެ ކޭމްޕް އެކްސްރޭއަށް ގެންދިޔަ މީހުންގެ ތެރެއިން ފަހުން މިނިވަންވި މީހެކެވެ.
ވަލީދު ކިޔައިދޭ ގޮތުގައި، އަދުނާން އައްޝަރާބީ ފަދަ ހިތްވަރުގަދަ މީހުން އެ ޖަލުގައި ހިންގި މި ފަދަ އަމަލުތަކަކީ، އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް ގައިދީން ކުރި ހަނގުރާމައިގެ ނިޝާނެކެވެ.
ފަހުން އެނގުނު ގޮތުގައި، އަދުނާން އަލް-ޝަރާބީ ވަނީ ގުއަންޓަނާމޯގެ ޖަލުގައި އެމެރިކާ ސިފައިން ދިން އަނިޔާތަކުގެ ސަބަބުން ޝަހީދުވެފައެވެ. އޭނާ ބޭނުންކުރި މި "ނިއުކްލިއާ ހަތިޔާރަކީ" ގައިދީންނަށް ލިބުނު ހަމައެކަނި ބާރު ކަމުގައި ވިޔަސް، އެއީ ގައިދީންގެ ހިތްވަރާއި، އެމީހުންގެ އިސްލާމީ އަގީދާ ދިފާއުކުރުމަށް ބޭނުން ކުރެވުނު މަތިވެރި ހަތިޔާރެކެވެ!
ނިއުކްލލިއަރ ހަމަލަ ދިން ދުވަހަށް ފަހު ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތުން ހުއްޓުމަކަށް އައެވެ!
ގުއަންޓަނާމޯގެ ބިރުވެރި މާހައުލުގައި ހިނގި މި ފަދަ ހާދިސާއިން ދޭހަވަނީ، އިންސާނާގެ ކަރާމާތް ނަގާލައި އެންމެ މަތިވެރި އަގީދާއަށް ހަމަލާދިނުމުން، އެމީހަކު ކޮންމެފަދަ ހާލަތެއްގައި ހުރި ނަމަވެސް އެންމެ ފަހު ނޭވާ ޖެހެންދެން ވެސް އިސްލާމީ އަގީދާ ދިފާއު ކުރާނެ ކަމެވެ.
މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރި 4 ސޮލީބީން: 3 ގެހަލާކު އެކަކު ބާކީ
11 ސެޕްޓެމްބަރުގެ ހަނދާންތައް: އެމެރިކާގެ އަނިޔާތަކަށް މައާފް ކޮށްގެން ނުވާނެ!






